ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭގޮތުން އޮމާނާއި އީރާނުން މަޝްވަރާކޮށްފި
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކެއް
ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު އަމާންކަމާއެކު ދަތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އޮމާނާއި އީރާނުގެ ޚާރިޖީ ވުޒާރާގެ ނައިބުންގެ ފެންވަރުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އޮމާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ދެ ގައުމުގެ ކަމާބެހޭ މާހިރުންގެ ބައިވެރިވުމާއެކުގައެވެ.
މި ބައްދަލުވުމުގައި، ސަރަހައްދީ މަސްރަހު މިހާރު އޮތް ގޮތުން ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ދެ ފަރާތުން ވަނީ އެކި ހުށަހެޅުންތައް ހުށަހަޅާފައެވެ. އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ގައުމު ގުޅިގެން ކަނޑުއޮޅީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޕްރޮޓޮކޯލެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގަކަށްވާއިރު، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ މި ސަރަހައްދުގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.
ކަނޑުއޮޅީގެ ހާލަތާއި ބައިނަލްއަގުވާމީ ކަންބޮޑުވުން
ޝިޕިންގ ޖާނަލް 'ލޮއިޑްސް ލިސްޓް' އިން މޮނިޓަރ ކުރި ޑޭޓާތަކަށް ބަލާއިރު، އޮމާނުގެ ތިން އުޅަނދެއް އާދަޔާ ހިލާފަށް އޮމާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ތެޔޮ އުފުލާ ދެ ސުޕަޓޭންކަރާއި އެލް.އެން.ޖީ އުފުލާ އުޅަނދެއް ހިމެނެއެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބައެއް ގައުމުތަކުގެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިން ނަމަވެސް، ގާތްގަނޑަކަށް 3،000 އެއްހާ އުޅަނދު ވަނީ ދަތުރު ނުކުރެވި ހުއްޓިފައެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ހޯމަ ދުވަހުގެ ކުރިން ކަނޑުއޮޅި ހުޅުވާނުލައިފިނަމަ ވަރުގަދަ ފިޔަވަޅުތަކެއް ކުރިމަތިވާނެ ކަމަށެވެ. މީގެ އިތުރުން މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއާތީ ވެސް ވަނީ އެމެރިކާގެ މަންދޫބާއި އީރާނުގެ ޚާރިޖީ ވަޒީރާ ގުޅުއްވައި، މަސްރަހު ފިނިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރ އެމެރިޓަސް އަމީން ސައިކަލް ވިދާޅުވި ގޮތުގައި، މި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމަކީ މުޅި ސަރަހައްދަށް އޮތް ނުރައްކަލެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ހާލަތުން ޑިޕްލޮމެޓިކް ހައްލެއް ފެނުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ނަމަވެސް، ރައީސް ޓްރަމްޕްގެ ނިންމެވުންތަކަށް ބަލައި، ދެ ފަރާތުން އެއްބަސްވުމަކަށް އައުމަކީ މި މައްސަލައަށް އޮތް ހަމައެކަނި ހައްލު ކަމަށް އޭނާ ވިދާޅުވިއެވެ.