ދުނިޔެ
އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޒަރީފް ސުލްހައިގެ ރޯޑްމެޕެއް ހުށަހަޅުއްވައިފި
އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް
އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި، އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ސުލްހައިގެ ރޯޑްމެޕެއް ހުށަހަޅުއްވައިފިއެވެ.
ފޮރިން އެފެއާޒް މެގަޒިންގައި ޝާއިއުކުރި މި ރޯޑްމެޕަކީ ހަމައެކަނި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ބަދަލުގައި، ދާއިމީ ހައްލަކަށް އަމާޒުކޮށްފައިވާ ހުށަހެޅުމެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އަވަށްޓެރި ގައުމުތަކަށް ހަމަލާދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް ނައިސްފިނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ޒަރީފްގެ ހުށަހެޅުމުގެ މައިގަނޑު ބައިތައް
ޒަރީފްގެ ރޯޑްމެޕްގައި ބަޔާންކޮށްފައިވާ ގޮތުން، ހަނގުރާމަ ދިގުލައިގެން ދިއުމަކީ އީރާނަށް ނަފްސާނީ ގޮތުން ހިތްހަމަޖެހުމެއް ލިބުނު ކަމުގައިވިޔަސް، އޭގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި އުމްރާނީ ވަސީލަތްތައް ހަލާކުވުން ނޫން ކަމެއް ނުވާނެއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މޮނިޓަރިންގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޭނާ ހުށަހެޅުއްވިއެވެ.
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ޒަރީފް ވިދާޅުވީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދޭންޖެހޭނެ ކަމަށެވެ. އަދި އީރާނުގައި ހުރި ޔުރޭނިއަމްގެ މިންވަރު 3.67 އިންސައްތައަށް ވުރެ ދަށްކުރުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ. މީގެ އިތުރުން، އެމެރިކާ އާއި އީރާނާ ދެމެދު އެއް ގައުމަކުން އަނެއް ގައުމަކަށް ހަމަލާ ނުދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ޒަރީފް ގޮވާލެއްވިއެވެ.