ދުނިޔެ
ބަންގްލަދޭޝްގައި ހިިިމަބިހި ފެތުރި 100 އެއްހާ ކުދިން މަރުވެއްޖެ
ބަންގްލަދޭޝްގެ މަގެއް
ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި ހިމަބިހި (މީސަލްސް) ކަމަށް ޝައްކުކުރެވޭ ބަލީގައި 98 ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ވެރިރަށް ޑާކާގައި މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީން އާދިއްތަ ދުވަހު އާންމުކުރި މައުލޫމާތަށް ބަލާއިރު، ހަ މަހާއި ފަސް އަހަރާ ދެމެދުގެ 6,476 ކުދިންގެ ކިބައިން ހިމަބިހީގެ އަލާމާތްތައް ވަނީ ފެނިފައެވެ. ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރު ހަލީމުއްރަޝީދު އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ، "ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ބަލިޖެހޭ ކުދިންގެ އަދަދާއި މަރުވާ ކުދިންގެ އަދަދު މިފަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ" ކަމަށެވެ.
މި ބަލިމަޑުކަމާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާން ވަނީ ދެ ވަޒީރަކު ގައުމުގެ އެކި ސަރަހައްދުތަކަށް ދަތުރުކުރައްވައި، ހާލަތު ވަޒަންކުރުމަށް އަންގަވާފައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ބަލި ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ ވެކްސިން ލިބުމުގައި ހުރި ދަތިތަކެވެ. މި އަހަރުގެ ޖޫން މަހު ކުރިއަށް ގެންދަން ރޭވި ވެކްސިން ކެމްޕޭން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވަނީ ފަސްކުރަން ޖެހިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ހާމަކުރާ ގޮތުގައި ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހުމުން ސިކުނޑި ދުޅަވުމާއި ނޭވާލާ ނިޒާމަށް ސީރިއަސް މައްސަލަތައް ކުރިމަތިވެއެވެ. ބަންގްލަދޭޝްގައި މިހާތަނަށް 826 ކުއްޖަކަށް ހިމަބިހި ޖެހިފައިވާކަން ޓެސްޓުތަކުން ކަށަވަރުވެފައިވާއިރު، ގިނަ ކުދިން ޓެސްޓު ނުކުރެވި ނުވަތަ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން މަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕަބްލިކް ހެލްތު އެކްސްޕާޓް ތާޖުލް އިސްލާމް އޭ ބާރީ ވިދާޅުވީ، ވެކްސިން ގަތުމަށް ފައިސާ ހަމަޖެހިފައި އޮތް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެ ތަކެތި ހޯދުމުގައި އިހުމާލުވެފައިވާ ކަމަށެވެ. "މިހާރު މި ފެންނަނީ އޭގެ ނަތީޖާ. ހާލަތު އޮތީ ވަރަށް ބިރުވެރި ފައްތަރެއްގައި،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭ 30 ސަރަހައްދެއް ފާހަގަކޮށް، އެ ތަންތަނުގައި ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ. ހެލްތު މިނިސްޓަރު ސަރުދާރު ޝާޚާވަތު ހުސައިން ބަކުލް ވިދާޅުވީ، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ފަހު، މުޅި ގައުމަށް މި ކެމްޕޭން ފުޅާކުރާނެ ކަމަށެވެ.