ޚަބަރު
ތޮއްޑޫ ކައުންސިލް ރައީސް ކަމާއި އަންހެނުންގެ ކޮމިޓީގެ ރައީސްކަމާއި އެކު 6 ގޮނޑި ކޮންގްރެސްއަށް
އއ.ތޮއްޑޫ
އއ. ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު ހިމެނޭހެން އެ ރަށުގެ ހަތް ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
މިއީ މިހާތަނަށް ތޮއްޑޫގައި އެމްޑީޕީން ދަމަހައްޓަމުން އައި ސިޔާސީ މެޖޯރިޓީއަށް އައި ބޮޑު ބަދަލެކެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އާދަމް ނަވީން އެވެ. ނަވީން މި ގޮނޑި ކާމިޔާބު ކުރެއްވީ 604 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބިވަޑައިގަތީ 564 ވޯޓެވެ.
ކައުންސިލްގެ އެހެން މަޤާމުތަކަށް ބަލާއިރު، އަންހެން މެންބަރު ކަމުގެ ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓް މަރިޔަމް ސުޒީ ވަނީ 719 ވޯޓާއެކު ކާމިޔާބު ކޮށްފައެވެ. އަދި ކައުންސިލް މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ދެ ކެންޑިޑޭޓުން ކަމަށްވާ މޫސާ އަނިލް އާއި އަލީ ރިޝާން އެވެ. މޫސާ އަނިލް 591 ވޯޓް ހޯއްދެވި އިރު، އަލީ ރިޝާން ވަނީ 565 ވޯޓް ހޯދާފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީވެސް ކޮންގްރެސް އިން ވަނީ ނަގާފައެވެ. އެގޮތުން ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ސިމްލާ އެވެ. އޭނާ 654 ވޯޓް ހޯއްދެވި އިރު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އަޒީލާއަށް ލިބިފައިވަނީ 440 ވޯޓެވެ.
މީގެ އިތުރުން އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ތިން މަޤާމުވެސް ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެއީ އައިމިނަތު އިފްނާ އާއި، ނަބީލާ އާދަމްގެ އިތުރުން ޙައްވާ މަލީސާ އެވެ.
ތޮއްޑޫގެ މި ނަތީޖާއަކީ އެ ރަށުގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެކެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި ކައުންސިލްގެ މެޖޯރިޓީ އަބަދުވެސް އޮންނަނީ އެމްޑީޕީއަށެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބާއެކު އެމްޑީޕީން ތޮއްޑޫގައި ކުރަމުން އައި ކޮންޓްރޯލް މިވަނީ ނިމުމަކަށް އައިސްފައެވެ.