ޚަބަރު
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް: 143 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް ނިންމައިފި
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 5ގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ
ފަރުދުން
06 އޭޕްރީލު 2026، 06:43
06 އޭޕްރީލު 2026، 06:43
މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ތެރެއިން އެ މަގުގެ އުތުރުފަރާތުގެ އެއްގަމުތޮށީގެ 143 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 5 ވަނަ ސެގްމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަހައްދެކެވެ.
ސެގްމެންޓް 5ގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން މި ހަފުތާގެ ތެރޭގައި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެންކަރ ބްލޮކްތައް ބެހެއްޓުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދެއެވެ.
މި މަޝްރޫޢުގެ ދަށުން މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 830 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރާނެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަގުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އުޅަނދުތައް ދުއްވުމަށް 4 ލޭނުގެ އިތުރުން، ހިނގާ މީހުންނަށް ޚާއްސަ ފުޅާ ސަރަޙައްދެއް ހިމެނޭނެއެވެ.
ބޮޑުތަކުރުފާނުމަގުގެ މި ސަރަޙައްދަކީ މާލޭގެ އެންމެ ކާރުބާރުބޮޑު އަދި މާލޭގެ މަލަމަތި ފެންނަ މައި ސަރަޙައްދެވެ. މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރުގެ އިތުރުން ގިނަ އަދަދެއްގެ އޮފީސްތައްވެސް މި ސަރަޙައްދުގައި ހުރުމާއެކު، މަގު ތަރައްޤީވެ ނިމުމުން މި ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.