ޚަބަރު
މިއަހަރުގެ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް ޙައްޖު ކޯޕަރޭޝަނުން އިޢުލާނުކޮށްފި
ދިވެހި ޙައްޖާޖީން ފޮޓޯޅ ޙައްޖު ކޯޕަރޭޝަން
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ކަނޑައަޅައި އިޢުލާނުކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭގޮތުގައި، މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން އުފުލުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މީގެ ތެރެއިން 50 އިންސައްތަ މީހުން ސައުދީ އެއާލައިންގައި ދަތުރުކުރާއިރު، ބާކީ 50 އިންސައްތަ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ.
ޙައްޖާޖީން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކަކީ:
- ފްލައިޓް 1: 15 މެއި (ސައުދީ އެއާލައިން) - 242 މީހުން
- ފްލައިޓް 2: 17 މެއި (މޯލްޑިވިއަން) - 250 މީހުން
- ފްލައިޓް 3: 18 މެއި (ސައުދީ އެއާލައިން) - 243 މީހުން
- ފްލައިޓް 4: 19 މެއި (މޯލްޑިވިއަން) - 250 މީހުން
ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 އިން 9 އަށެވެ. އެގޮތުން ޖޫން 5 އަދި 8 ވަނަ ދުވަހު ސައުދީ އެއާލައިންގެ ފްލައިޓްތައް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވިއަންގެ ފްލައިޓްތައް އައުމަށް ހަމަޖެހިފައިވަނީ ޖޫން 7 އަދި 9 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ބުނީ، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޚާއްޞަގޮތެއްގައި މިނާގައި ޙައްޖާޖީން ތިބޭ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ޙައްޖު ކޯޓާގެ ދަށުން، ޙައްޖާޖީންނަށް އެހީތެރިވުމަށްދާ ފަރާތްތަކުގެ ދަތުރުތައްވެސް ހިމެނިފައިވަނީ މި ކޯޓާގެ ތެރޭގައެވެ. ޙައްޖުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ޙައްޖު މިޝަންގެ ފަރާތްތައް މި މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.