ޚަބަރު
ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާގެ ދަފުތަރެއް މާދަމާއިން ފެށިގެން ހުޅުވަނީ
ކޮމަންޑޫ މޫސާ ރަމީޒު
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ށ. ކޮމަންޑޫ، މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫސާ ރަމީޒަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައާއި، ޚާއްޞަ މަޖިލީހުގެ އިތުރުން ތަފާތު އެކި މަގާމުތަކުގައި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ކުޅަދާނަ ހިންގުންތެރިއެއްގެ އިތުރުން، މުވައްޒަފުންނާއި ވެރިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ނަމޫނާ ޝަޚްޞިއްޔަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ތަޢުޒިޔާގެ ދަފުތަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ، އަންގާރަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަފުތަރު ބާއްވާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގައެވެ. މި ދަފުތަރުގައި ސޮއިކުރުމުގެ ފުރުޞަތު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
އަތޮޅުތައް ހިންގުމުގެ ދާއިރާއާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.