ޚަބަރު
ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ މާރޗް މަހުގެ 26 އާއި ހަމައަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
މީރާގެ އޮފީސް.
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން، މިއަހަރުގެ މާރިޗުމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 585 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 407 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 43 އިންސައްތަ އިތުރު އަދަދެކެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކްސް ރޭޓުތަކަށް ގެނެވުނު ބަދަލު
ސަރުކާރުން ވަނީ 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބަދަލު ގެންނަވާފައެވެ. އެގޮތުން، ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް، އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުން، ގޮނޑުދޮށް ހިމާޔަތްކުރުން، އަދި ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ފަދަ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.