Ads by Farudhun

ޚަބަރު

20 ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކޮށް ނިމި، 58 ރަށެއްގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް: ވަޒީރު ޠާރިޤް

20 ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކޮށް ނިމި، 58 ރަށެއްގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް: ވަޒީރު ޠާރިޤް

ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2026، 02:57

06 އޭޕްރީލު 2026، 02:57

ރާއްޖޭގެ 20 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިމިފައިވާކަމަށާއި، އިތުރު 58 ރަށެއްގައި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ" ޤައުމީ ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ މި މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަށީގެންވާ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި މި ވަސީލަތްތައް ޤާއިމުކޮށް ނިންމުމަށް ވަނީ ރޭވިފައެވެ.

ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 20 ރަށެއްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު މަސައްކަތް ކުރިއަށްދާ 58 ރަށުގެ މަޝްރޫޢުތައް ވަނީ އެކި ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައެވެ. މީގެ އިތުރުން، ކުރިން ބޭނުންކުރަމުންދިޔަ މަރުކަޒުތައް ސަރުކާރުގެ މިންގަނޑުތަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ.

ކުނި މެނޭޖުކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގެ ދަށުން، މިހާތަނަށް 82 ރަށަކަށް ބޭނުންވާ ވަސީލަތްތައް ވަނީ ފޮނުވާފައެވެ. އަދި 99 ރަށަކަށް ކުނި އުފުލާ ވެހިކަލް ފޯރުކޮށްދީފައިވާއިރު، 6 ރަށެއްގައި މެކޭނިކަލް ސިސްޓަމް ބޭނުންކޮށްގެން ކާދު (ގަސްކާނާ) އުފައްދާ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. ވަޒީރު ވިދާޅުވީ ޖާގައިގެ ދަތިކަން ހުރި ރަށްތަކަށް މިފަދަ ޒަމާނީ މެކޭނިކަލް ސިސްޓަމްތައް ވަރަށް ބޭނުންތެރި ކަމަށެވެ.

މާލެ ސަރަޙައްދުގެ ކުނި މެނޭޖުކުރުމަށްޓަކައި، ތިލަފިއްޓަށް ކުނި އުފުލުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އުޅަނދުތަކެއް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި އުޅަނދުތައް މިހާރު ޓެސްޓްކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ކުނި އުފުލާ އިތުރު ދެ ލޭންޑިންގ ކްރާފްޓް ބަނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ.

ނަމަވެސް، ބައެއް ރަށު ކައުންސިލްތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ރީޖަނަލް ޑިވެލޮޕްމަންޓް ސެންޓަރުތައް މެދުވެރިކޮށް، ވެމްކޯގެ ބެލުމުގެ ދަށުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450