ދުނިޔެ

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 34 މީހުން މަރުވެއްޖެ

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 34 މީހުން މަރުވެއްޖެ

އީރާނަށް އިސްރާއިލާއި އެމެރިކާއިން ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 07:58

06 އޭޕްރީލު 2026، 07:58

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، ކުޑަކުދިން ހިމެނޭހެން މަދުވެގެން 34 މީހުން މަރުވެއްޖެއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވަރސިޓީ ކަމަށްވާ ޝަރީފް ޔުނިވަރސިޓީއަށާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މި ހަމަލާތައް ދީފައިވަނީ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަޑި ހަމަވުމާ ގުޅިގެންނެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާން ޕްރޮވިންސްގެ ބަހަރެސްތާން ކައުންޓީއަށް ދިން ހަމަލާއެއްގައި 23 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 10 އަހަރުން ދަށުގެ ހަ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ގުމް ސިޓީގެ ރެސިޑެންޝަލް އިމާރާތަކަށް ދިން ހަމަލާގައި ފަސް މީހުން މަރުވެފައިވާއިރު، އީރާނުގެ ދެކުނުގެ ބަންދަރު ލެންގޭ ސަރަހައްދުން ހަ މީހަކު ވަނީ މަރުވެފައެވެ. މި ހަމަލާތައް އީރާނުގެ 12 އަށްވުރެ ގިނަ ސިޓީއަށް ވަނީ އަމާޒުވެފައެވެ.

ތެހެރާންގައި ހުންނަ ޝަރީފް ޔުނިވަރސިޓީއަށް ދިން ހަމަލާގައި އެތަނުގެ މިސްކިތަށާއި ލެބޯޓްރީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މުޙައްމަދު ރިޒާ އާރިފް ތުހުމަތު ކުރެއްވި ގޮތުގައި އެމެރިކާއިން ވަނީ ޔުނިވަރސިޓީއަށް ހަމަލާދިނުމަށް "ބަންކަރ-ބަސްޓަރ" ބޮން ބޭނުންކޮށްފައެވެ. "ޝަރީފް ޔުނިވަރސިޓީއަށް ދިން މި ހަމަލާއަކީ ޓްރަމްޕްގެ މޮޔަކަމާއި ނޭނގުންތެރިކަމުގެ ރަމްޒެއް،" އާރިފް ވިދާޅުވިއެވެ.

މި ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ، މޭޖަރ ޖެނެރަލް މަޖީދު ޚާދިމީ އަވަހާރަވެފައިވާކަން އައި.އާރް.ޖީ.ސީ އިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން އިސްރާއީލް އަސްކަރިއްޔާއިން ބުނެފައިވަނީ އައި.އާރް.ޖީ.ސީ ގެ ގުދުސް ފޯސްގެ އިސް ކޮމާންޑަރެއް ކަމަށްވާ އަސްގަރު ބާކިރީ ވެސް މި ހަމަލާތަކުގައި މަރާލާފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރް.ސީ) ގެ ސީ.އީ.އޯ ޖަގަން ޗަޕަގޭން ވަނީ އީރާނުގެ ރެޑް ކްރެސެންޓް އެމްބިއުލާންސްތަކަށް ހަމަލާ އަމާޒުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އީރާނުގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ބުނާ ގޮތުގައި ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުގެ 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަށް ވަނީ ހަމަލާދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450