ދުނިޔެ

ކުރުދީން މެދުވެރިކޮށް އީރާނުގެ މުޒާހަރާވެރިންނަށް ހަތިޔާރު ފޯރުކޮށްދިންކަމަށް ޓްރަމްޕް ވިދާޅުވުމުން ކުރުދީ ޖަމާއަތްތަކުން އެކަން ދޮގުކޮށްފި

ކުރުދީން މެދުވެރިކޮށް އީރާނުގެ މުޒާހަރާވެރިންނަށް ހަތިޔާރު ފޯރުކޮށްދިންކަމަށް ޓްރަމްޕް ވިދާޅުވުމުން ކުރުދީ ޖަމާއަތްތަކުން އެކަން ދޮގުކޮށްފި

ކުރުދީންގެ ފައިޓަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 08:31

06 އޭޕްރީލު 2026، 08:31

އީރާނުގައި ދާދިފަހުން ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގެ ތެރޭގައި، އެމެރިކާއިން ސިއްރު ގޮތެއްގައި ކުރުދީން މެދުވެރިކޮށް މުޒާހަރާވެރިންނަށް ހަތިޔާރު ފޯރުކޮށްދޭން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ މުޒާހަރާވެރިންނަށް ގިނަ އަދަދެއްގެ ބަޑި ފޮނުވި ކަމަށާއި، ނަމަވެސް ކުރުދީން އެ ތަކެތި އަމިއްލައަށް ބެހެއްޓީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި މުޒާހަރާތަކަކީ ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން ފެށުނު މުޒާހަރާތަކެކެވެ. ޓްރަމްޕް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މުޒާހަރާތަކުގެ ތެރޭގައި އީރާނު ސަރުކާރުން ވަނީ 45،000 އެއްހާ އާންމުން މަރާލާފައެވެ. ނަމަވެސް މި އަދަދުތަކަކީ މިނިވަން މުއައްސަސާތަކުން ކަށަވަރު ކުރެވިފައިވާ އަދަދުތަކެއް ނޫނެވެ. އީރާނު ސަރުކާރުން ބުނާ ގޮތުގައި މަރުވީ 3،117 މީހުންނެވެ.

ކުރުދީ ޖަމާއަތްތަކުގެ ރައްދު
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ކުރުދީ އިދިކޮޅު ޖަމާއަތްތަކުން ވަނީ އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ކުރުދިސްތާން ޑިމޮކްރެޓިކް ޕާޓީ އޮފް އީރާން (ކޭޑީޕީއައި)ގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ނަޒީފް ގާދިރީ ވިދާޅުވީ، ޓްރަމްޕްގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެމެރިކާއިން އެއްވެސް ހަތިޔާރެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރީ މީގެ 47 އަހަރު ކުރީގެ ހަތިޔާރު. އެއީ އިސްލާމީ ޖުމްހޫރިއްޔާގެ ހަނގުރާމައިގެ މައިދާނުން ހޯދާފައިވާ ތަކެއްޗާއި މާރުކޭޓުން ގަނެފައިވާ ތަކެތި،" ގާދިރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ޖަމާއަތުގެ ސިޔާސަތަކީ އަނިޔާވެރިކަމެއް ނެތި ސުލްހަވެރިކަމާއެކު ހައްގުތަކަށް ވަކާލާތު ކުރުން ކަމަށެވެ.

މީގެ އިތުރުން ކޮމަލާ ޕާޓީ އާއި ކުރުދިސްތާން ނޭޝަނަލް އާމީން ވެސް ވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ކުރުދިސްތާން ނޭޝަނަލް އާމީގެ ކޮމާންޑަރު ހަމްނޯ ނަގްޝްބަންދީ ވިދާޅުވީ އެމެރިކާއިން ނުވަތަ އެހެން ގައުމަކުން ވެސް އެންމެ ވަޒަނެއް ވެސް އެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ.

އީރާނު ސަރުކާރުން މީގެ ކުރިން ވެސް ވަނީ މުޒާހަރާވެރިންނަކީ ބޭރުގެ ބާރުތަކުގެ އެހީގައި ގައުމު ހަލާކުކުރަން އުޅޭ "ޓެރަރިސްޓުން" ކަމަށް ސިފަކޮށްފައެވެ. އަދި ބޭރުގެ ދުޝްމަނުންގެ ރޭވުމުގެ ދަށުން މުޒާހަރާގައި ބައިވެރިވި ކަމުގެ ކުށުގައި ބައެއް މީހުންނަށް މަރުގެ އަދަބު ވެސް ވަނީ ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450