ދުނިޔެ
އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނުން ސުލްހައިގެ ހުށަހަޅުމެއް ހުށަހަޅައިފި
އީރާނަށް އިސްރާއިލާއި އެމެރިކާއިން ދެމުންދާ ހަމަލާތައް
އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި، ބަންދުކޮށްފައިވާ ސްޓްރެއިޓް އޮފް ހޯމޫޒް އަލުން ހުޅުވުމަށްޓަކައި ޕާކިސްތާނުން ދެ މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް ހުށަހަޅައިފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ހަނގުރާމައިގެ ދެ ފަރާތުންވެސް ދަނީ މި ހުށަހެޅުމާ މެދު މަޝްވަރާ ކުރަމުންނެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން މިވަގުތު އީރާނުން އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމީ ސަލާމަތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަމަލާތަކުގެ ތެރޭގައި ތެހެރާންގެ ޔުނިވާސިޓީއަކަށާއި ސައުތު ފާސް ޕެޓްރޯކެމިކަލް ޕްލާންޓަށް ދިން ބޮން އެޅުމުގެ ހަމަލާތަކުގައި މަދުވެގެން 34 މީހުން ވަނީ މަރުވެފައެވެ.
މި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރުއެވެ. އޭނާ ވަނީ އެމެރިކާގެ ވައިސް ޕްރެޒިޑެންޓް ޖޭޑީ ވެންސް އާއި، ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ މުޅި ރޭ މުއާމަލާތް ކުރައްވާފައެވެ. "އިސްލާމްއާބާދު އެކޯޑް" ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުމުގެ ދަށުން، ވަގުތުން ހަނގުރާމަ ހުއްޓާލައި ސްޓްރެއިޓް އޮފް ހޯމޫޒް ހުޅުވުމަށް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމުގެ ދަށުން އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވުމުން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް، އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން ސްޓްރެއިޓް އޮފް ހޯމޫޒް ނުހުޅުވާނެ ކަމަށާއި، މިކަމުގައި އެއްވެސް ސުންގަޑިއެއް ގަބޫލުނުކުރާނެ ކަމަށެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އުސާމާ ބިން ޖާވިދު ބުނި ގޮތުގައި، ޕާކިސްތާނުން މިކަމުގައި ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތްތަކެކެވެ. ނަމަވެސް، ދެ ފަރާތުގެ މެދުގައި އޮތް އިތުބާރު ނެތުމުގެ ބޮޑު ފާރާއި، ލީޑަރުންގެ ޒާތީ ކަންކަމުގެ ސަބަބުން މިކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ހާއްސަކޮށް، އެއްބަސްވުމަކަށް އައުމަށްފަހުވެސް އީރާނުގެ ލީޑަރުންނަށް ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމަކީ އީރާނުގެ ބޮޑު ކަންބޮޑުވުމެކެވެ.