ދުނިޔެ
އަގްސާ މިސްކިތާއި އަސީރުންގެ ދިފާއުގައި ނުކުތުމަށް އަބޫ އުބައިދާ ގޮވާލައްވައިފި
އަބޫ ޢުބައިދާ
ފަލަސްތީނުގެ އެކި ސަރަހައްދުތަކާއި މުޅި ދުނިޔޭގައި ފުޅާދާއިރާއެއްގައި މުޒާހަރާކުރުމަށް އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ އަސީރުންގެ ދިފާއުގައި މީހުން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
އަލަށް ނެރުއްވި ބަޔާނެއްގައި އަބޫ އުބައިދާ ވިދާޅުވީ، މުޅި ސަރަހައްދަށް ކުރިމަތިވެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި އދ. ގެ ޗާޓަރުގެ އުސޫލުތައް މުގުރާލާ ފަދަ އަނިޔާވެރި އަސްކަރީ ހަމަލާތަކެއް ކަމަށެވެ. އިސްރާއީލުން އެގައުމުގެ ހަމަލާތައް ގައްޒާގެ ބޭރަށް ފުޅާކޮށް، ސަރަހައްދުގެ އެކި ދިމާތަކަށް ސުންޕާކަން ފަތުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިސްރާއީލުގެ އުދުވާންތައް ހަމައެކަނި ގައްޒާއަށް ހުއްޓިފައި ނުވާކަމަށާއި، ލުބުނާނާއި ޔަމަނަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅަނގު އައްސޭރިއާއި، ގުދުސް އަދި 1948 ގެ ބިންތަކުގައި ތިބި ފަލަސްތީނު ރައްޔިތުން އަގްސާ މިސްކިތާ ދިމާލަށް މިސްރާބު ޖެހުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ ތާއީދުކުރާ ފަރާތްތަކުން މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
"އަގްސާ މިސްކިތަށް ނުވަތަ ފަލަސްތީނުގެ އަސީރުންނަށް ދޭ އެއްވެސް ގެއްލުމަކަށް، ކޮންމެ ފަދަ އަގަކަށް ވިޔަސް ހަނދުބަހެއް ނުދީ ދޫކޮށްލުމެއް ނެތް،" އަބޫ އުބައިދާ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ފަލަސްތީނު ރައްޔިތުންގެ އެއްބައިވަންތަކަމުގެ މަރުކަޒީ ނުކުތާއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ދެފުށްގެރޭ ސިޔާސަތަށް ފާޑުވިދާޅުވަމުން އަބޫ އުބައިދާ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ފަލަސްތީނުގެ ފަރާތުން ދޫދިނުމަށް އެދެމުންދާއިރު، އިސްރާއީލުން ހިންގާ ޖަރީމާތަކަށް ލޯމަރާލައިގެން ތިބޭ ކަމަށެވެ. އަދި އެމެރިކާގެ ތައައްސުބު އޮތް ސިޔާސަތުތަކަށް ފާޑުވިދާޅުވެ، މެދުވެރިން މެދުވެރިކޮށް ކުރާ މަޝްވަރާތަކުގައި އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން އަބޫ އުބައިދާ ވަނީ އަސީރުންގެ ދިފާއުގައި ވަރުގަދަ އޮޕަރޭޝަންތައް ހިންގުމަށް ފަލަސްތީނު ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި މި ސަރަހައްދުގެ މުސްތަގުބަލު ކަނޑައަޅަންވާނީ އެ ސަރަހައްދުގެ އަހުލުވެރިން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.