ދުނިޔެ

ޣައްޒާގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޑަބްލިއުއެޗްއޯގެ މުވައްޒަފަކު މަރުވެއްޖެ

ޣައްޒާގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޑަބްލިއުއެޗްއޯގެ މުވައްޒަފަކު މަރުވެއްޖެ

ޣައްޒާގެ ޝަހީދެއްގެ އާއިލާއިން ހިތާމަ ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 10:29

06 އޭޕްރީލު 2026، 10:29

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދެއްގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އުޅަނދަކަށް އަމާޒުވެ، އެ ޖަމިއްޔާގެ މުވައްޒަފަކު މަރުވެއްޖެއެވެ.

 މި ހަމަލާގައި އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޑަބްލިއުއެޗްއޯގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އުމުރުން 54 އަހަރުގެ މަޖްދީ އަސްލާން އެވެ. ނާސިރު ހޮސްޕިޓަލާއި އަލް-އަގްސާ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާގައި އެ ޖަމިއްޔާގެ ޑޮކްޓަރަކާއި އިތުރު ފަލަސްތީނު ރައްޔިތުންތަކެއް ވަނީ ޒަހަމްވެފައެވެ. މި ހަމަލާ ދީފައިވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ސަލާހުއްދީން މަގުން ދަތުރުކުރަމުންދިޔަ އުޅަނދުތަކަކަށް އަމާޒުކޮށް "ވަކި ބެލުމެއް ނެތި" ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މަހްމޫދު ބުނި ގޮތުގައި، އިސްރާއީލު ސިފައިން ހަމަލާދިން ވަގުތު އެ ސަރަހައްދުން އާންމުން އުފުލާ އުޅަނދަކާއި އޭގެ ފަހަތުން ޑަބްލިއުއެޗްއޯގެ މުވައްޒަފުން ދަތުރުކުރި ކާރު ދިޔައެވެ. ޑްރައިވަރުގެ ބޮލަށް ވަޒަން އެރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ މިއީ ސަލާމަތީ ގޮތުން ހިނގި ސީރިއަސް ހާދިސާއެއް ކަމަށާއި، މިކަން އިތުރަށް މުރާޖައާ ކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ބަލިމީހުން އުފުލުމުގެ މަސައްކަތް ވަގުތުން ވަނީ މެދުކަނޑާލާފައެވެ. ޑަބްލިއުއެޗްއޯއަކީ ރަފަހް ބޯޑަރު ހުޅުވުނު ފަހުން، ޣައްޒާގެ ޒަހަމްވެފައިވާ މީހުން ބޭރަށް ފޮނުވުމުގައި އިސްރާއީލާއި މިސްރާ ދެމެދު ވިލަރެސްކުރުމުގެ މުހިންމު ދައުރެއް އަދާކުރަމުންދާ ޖަމިއްޔާއެކެވެ.

މީގެ އިތުރުންވެސް ހޯމަ ދުވަހު އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލި ހާއްސަ އެހީއަށް ބޭނުންވާ މީހަކާއި، ޣައްޒާ ސިޓީގައި ޑްރޯން ހަމަލާއެއްގައި މަރުވި 36 އަހަރުގެ މީހަކު ހިމެނެއެވެ. މި ޑްރޯން ހަމަލާގައި ކުޑަކުއްޖަކު ޒަހަމްވެ ހާލު ސީރިއަސްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ ފަހުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން ދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450