ދުނިޔެ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ފަލަސްތީނުގެ ކުދިން ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައިފި

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ފަލަސްތީނުގެ ކުދިން ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައިފި

އިސްރާއިލްގެ ބަޔަކު ފަލަސްޠީނުގެ ކުއްޖަކަށް އަނިޔާކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 10:32

06 އޭޕްރީލު 2026، 10:32

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި، އެ ކުދިން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ފަލަސްތީނުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް ޑިޓެއިނީސް އެފެއާޒް، ފަލަސްތީނިއަން ޕްރިޒަނާސް ސޮސައިޓީ އަދި އަދަމީރު ޕްރިޒަނާ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ، ކުޑަކުދިން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެ ޖަމިއްޔާތަކުން ބުނި ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ކުދިން ހައްޔަރުކޮށްގެން ގެންގުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ވަރަށް ދަތި ހާލަތްތަކުގައެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން ހިފާފައިވާ ހުޅަނގު އައްސޭރިން އެކަނިވެސް 1,700 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 350 ކުދިން އަދިވެސް ތިބީ ބަންދުގައެވެ. މި ކުދިން ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް ގިނައިން ހިންގަނީ ދަންވަރުގެ ވަގުތުތަކުގައި ގެތަކަށް ވަދެގަނެ، ބިރުވެރިކަން އުފައްދައިގެންނެވެ. ކުދިން ގެންދަނީ ލޯމަތީގައި ފޮތި އަޅައި، ބިޑި އަޅުވައިގެން ކަމަށްވުމުން އެކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާކަން ޖަމިއްޔާތަކުން ފާހަގަކުރެއެވެ.

ހައްޔަރުކުރެވޭ ކުދިންނާ ސުވާލުކުރާއިރު، އާއިލާގެ މެންބަރަކަށް ނުވަތަ ވަކީލަކަށް ބައިވެރިވުމުގެ ފުރުސަތު ނުދޭ ކަމަށާއި، ގިނަ ވަގުތު ތަހުގީގުގައި ހޭދަކުރުވައި ނަފްސާނީ ގޮތުން އަނިޔާކުރާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، އެއްވެސް ދައުވާއަކާ ނުލައި 'އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން' ގެ ދަށުން ކުދިން ބަންދުކޮށްފައި ބޭތިއްބުމަކީ އިސްރާއީލުން ބޭނުންކުރާ އެންމެ އަނިޔާވެރި އެއް ވަސީލަތެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މިފަދަ ބަންދުގައި 180 އެއްހާ ކުދިން ތިބި އިރު، މިއީ މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރެކެވެ.

މި އަމަލުތަކަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު އަމަލުތަކެއް ކަމަށާއި، މިއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ. ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ އެކު، ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުގެ އުދުވާންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450