ޚަބަރު
ޚަރަދު ކުޑަކުރުމަށް ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ބަދަލު ގެނަސްފި
ޕްރޮސެކިއުޓަރ ޖެނެރަލް ބައްދަލުވުމެއްގައި / ފޮޓޯ: އަލީ ނަސީރު
ފަރުދުން
07 އޭޕްރީލު 2026، 08:26
07 އޭޕްރީލު 2026، 08:26
ޚަރަދު ކުޑަކުރުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތްތަކަށް ބަދަލު ގެނަސްފައިވާކަމަށް އެ އޮފީހުން ހޯމަ ދުވަހު ހާމަކޮށްފިއެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، 7 އެޕްރީލް 2026އިން ފެށިގެން 31 މޭ 2026 ނިޔަލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ޚަރަދު ކުޑަ ކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
- ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
- ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
- އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
- ކަރުދާސް ބޭނުންކުރުން މަދުކުރުން
- އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު ޕީޖީ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ޤަވާއިދުން ހާޒިވަމުން ގެންދާނެއެވެ.
ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ހަމައެހެންމެ އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ނިންމާފައެވެ.
މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.