Ads by Farudhun

ޚަބަރު

ފާއިތުވި ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދައިފި

ފާއިތުވި ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދައިފި

ސްކޭމް އެލަރޓް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2026، 03:08

07 އޭޕްރީލު 2026، 03:08

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި ޢާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި-ސެކޭމް ސެންޓަރުގެ، މިދިޔަ މާރިޗު މަހުގެ 29 އިން އޭޕްރިލް 4 އާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 322،270.00 ރުފިޔާއެވެ.

ނަމަވެސް، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227،828.00 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) އަނބުރާ ހޯދިފައިވާކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ. އަދި މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި، ތަހުގީގުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާކަމަށް އެ ސެންޓަރުން ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ޞައްޙަ ނޫން މަޢުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުޢާމަލާތްތައް ހިމެނެއެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު، ޚާއްޞަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ޞއްޙަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ 4 މައްސަލަ ހުށައަޅާފައިވާއިރު، މިފަދަ ސްކޭމްތައް މަދުކުރުމަށްޓަކައި ރަސްމީ ނިޒާމުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ނުހިންގުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ. އަދި މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ ހުށައަޅާފައިވާއިރު، މިފަދަ ސްކޭމް މަދުކުރުމަށްޓަކައި ދަންނަ މީހެއްގެ ނަމުގައި ނުވަތަ ރަސްމީ ފަރާތެއްގެ ނަމުގައި ގުޅައި، ފައިސާގެ އެހީތެރިކަމަށް އެދި ހިންގާ މިފަދަ އަމަލުތަކަށް ސަމާލުވުމާއި އެހެން މީހެއްގެ އެކައުންޓަށް ފައިސާ ނުފޮނުވުމާއެކު އެހެން ގޮތަކުން އެއީ ރަނގަޅު މީހާކަން ކަށަވަރު ކުރުމަށް އެ ސެންޓަރުން އެދެއެވެ.

މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުޞަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާއިރު، މިއީ މިފަދަ ސްކޭމްތަކަށް ޢާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއްކަމަށް އެންޓި ސްކޭމް ސެންޓަރުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450