ޚަބަރު
މިހާތަނަށް ކުރެވުނު މަސައްކަތުން ފްލައިޓް ކެންސަލްވާ އަދަދު ވަނީ މަދު ކުރެވިފައި: ވަޒީރު ޠާރިޤް
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
މާރިޗު މަހު ރާއްޖެއަށް ދަތުރުކުރަން ޝެޑިއުލްކުރި 525 ފްލައިޓް ކެންސަލްވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން މިހާރު ފްލައިޓް ކެންސަލްވާ އަދަދު ދަށްކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، މާރިޗު މަހު އެވްރެޖްކޮށް ދުވާލަކު 20 ފްލައިޓް ކެންސަލްވަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ދުވާލަކު 16 ފްލައިޓަށް ތިރިކުރެވިފައިވާ ކަމަށެވެ. މެދުއިރުމަތީގެ މަސްރަޙަށް އައި ބަދަލުތަކާއެކު ދަތުރުފަތުރަށް ބުރޫއެރި ނަމަވެސް، ގިނަ އަދަދެއްގެ ފަތުރުވެރިން ތަފާތު ރޫޓުތައް ބޭނުންކޮށްގެން ރާއްޖެ އަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ދަތުރުކުރާ ބައެއް ބޮޑެތި އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އިތުރުވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ވާޖިން އެޓްލާންޓިކް، ޓާކިޝް އެއާލައިން، ސްރީ ލަންކަން އެއާލައިން އަދި ސިންގަޕޯ އެއާލައިންސް ފަދަ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ މިހާރު 65 އިންސައްތައިން 70 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިން ޒިޔާރަތްކުރި އަދަދުތަކަށް ބަލާއިރު، މިދިޔަ މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 20.7 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މާރިޗު މަހު 207,707 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 165,616 ފަތުރުވެރިންނެވެ. މި އުނި އިތުރުވުން އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައިވެސް ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. "ގެސްޓްހައުސް އެސޯސިއޭޝަނާއި ބޯޓިން އެސޯސިއޭޝަނާ މިއަދު ބައްދަލުކޮށް، މަޓީއާއެކުވެސް ގާތުން މަސައްކަތް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްއިންވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.