ޚަބަރު
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ދެ ބޭފުޅަކު މަޤާމުން ވަކިކޮށްފި
އެމްޑީޕީއިން ބޭއްވި ކޮންގްރެސްއެއްގެ ތެރެއިން / ފައިލް ފޮޓޯ---
ފަރުދުން
07 އޭޕްރީލު 2026، 08:32
07 އޭޕްރީލު 2026، 08:32
އިދިކޮޅުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ ކޯޅުން ބޮޑުވެ، އިސް މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު މަޤާމުން ވަކިކޮށްފިއެވެ.
އެ ޕާޓީގެ އެތެރޭގެ މަޝްރަހު ގޯސްވެ ރޯވި ހުޅުގަނޑު ފަޅައިގެން ދިޔައީ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދަށް ޕޯޑިއަމުން ފުރުސަތު ނުދިނުމުންނެވެ.
މިކަމާ ގުޅިގެން އެ ޕަޓީގެ އާންމު މެންބަރުންގެ ފާޑުކިއުން ޕާޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް އަމާޒުކޮށްފައި ވަނިކޮށް، މިއަދު އެ ޕާޓީން މިވަނީ ޗެއާރޕާސަންގެ ނައިބުގެ މަޤާމުގައި ހުންނެވި އިބްރާހިމް ވަޙީދު އާއި ލީގަލް ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އަހުމަދު މަޢުރޫފް މަޤާމުން ވަކިކޮށްފައެވެ.
އިބްރާޙިމް ވަޙީދު މަޤާމުން ވަކިކުރުމަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ސިޓީގައި އެމްޑީޕީގެ ވަގުތީ ޗެއާރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޗެއާރޕާސަންގެ ނައިބު މަޤާމުން ވަކިކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން ބޭނުންނުވާކަމަށާއި، އެހެންކަމުން އެ ޕާޓީގެ އަސާސީ ޤަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ، ޗެއާރޕާސަންގެ ނައިބު (އިދާރީ) ގެ މަޤާމުން އިބްރާހިމް ވަޙީދު ވަކިކޮށްފައިވާ ކަމުގައެވެ.
އަދި މަޢުރޫފް މަޤާމުން ވަކިކުރިކަން އެންގުމަށްވެސް އަބްދުލްޣަފޫރު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ނަމަވެސް އެ ސިޓީގައި އޭނާ ވަކިކުރާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި މިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީއަށް ގިނަ ގޮނޑިތަކެއް ހޯދުމުގެ ފަހަތުގައި ހުރީ ރައީސް ނަޝީދުކަމަށް އެ ޕާޓީގެ ގިނަ އާންމު މެންބަރުންތަކެއް ބުނަމުން ދަނިކޮށެވެ.
ނަމަވެސް އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އާއި، އެ ޕަޓީގެ ކުރީގެ ޗެއާރޕާސަން ފައްޔާޒު އިސްމާޢިލް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ނަޝީދުގެ ފެކްޝަނުން ތުހުމަތުކުރަނީ، އެ ޖަލްސާގައި ވާހަކަ ދައްކަވަން ނަޝީދަށް ފުރުސަތު ދިނުމަށްފަހު ކެންސަލް ކުރީ ކަމަށެވެ. އަދި އެ ނިންމުން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބާރުއެޅުއްވުމަށް އަބްދުލްޣަފޫރުކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރެއެވެ.
ހޯމަ ދުވަހުގެރޭ އޮތް ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގެންނެވުމުން އެ ގޮނޑި ޖަލްސާ ފެށުނުއިރު އިނީ ހުސްކޮށް---
މިކަމާ ގުޅިގެން ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ މުހައްމަދުގެ ކޮއްކޮ ނަޒީހާ އަހްމަދު އެކްސްގައިކުރި ޕޯސްޓެއްގައި ވިދާޅުވީ، ވަކި ބަޔަކު އެ ޕާޓީއަށް އެނބުރިއައިސްގެން ލިބުނު ކުރިއެރުމެއް ނޫންކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ މެންބަރުން އެކުގައި ނިކުމެ މަސައްކަތް ކުރުމުން ހޯދުނު ކާމިޔާބީއެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ރޭގެ ޖަލްސާއަށް ފަހު އަބްދުލްޣަފޫރު ވަނީ އެކްސްގައި ފައްޔާޒުއަށް ރައްދުދެވައިފައެވެ. އެ ޕޯސްޓުގައި އަބްދުލްޣަފޫރު ވިދާޅުވީ، ވާހަކަތައް ފެތުރުނީ ޖަލްސާގައި ވާހަކަ ދައްކަވަން ފައްޔާޒް އާއި ނަޝީދު އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަނިކޮށް ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ މި ކަންތައްތަކާއި ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕަށް ކިޔާ ފާޑުކިޔުންތައް އަންނަނީ އިތުރުވަމުންނެވެ. އަދި އެ ޕާޓީގެ ގިނަ މެންބަރުންނާއި ތާޢީދުކުރާ ގިނަ ފަރާތްތަކުން އަންނަނީ އަބްދުލްޣަފޫރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.