ޚަބަރު
ސެޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތުކޮށް ނިންމައި ވުޒާރާއާއި ހަވާލުކޮށްފި
ސްޓެލްކޯ އެމްޑީ ފަހުމީ އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް
އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި މިއަދު ހަވާލުކޮށްފިއެވެެ.
ސްޓެލްކޯއިން ބުނެފައިވަނީ މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ.
މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތި ތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
މި ހަފްލާގައި ވަޒީރު ޑރ ޝަޙީމް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރޙުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ ޢަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށެވެ.
ސްޓެލްކޯއިން މުންނާރުގެ މަސްފެންގަނޑު މަރާމާތުކޮށް އާބާތުރަ ފިލުވައި އިސްލާމީ ވުޒާރާއާއި ހަވާލުކުރުން
މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.
މި ހަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިްނ ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ މިކުންފުނީގެ މުވައްޒަފުން ޤައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީޚާއި ސަގާފަތާއި ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދުކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި، ވުޒާރާއިން ދެއްވި ކަމަށްޓަކައި، ޝުކުރު ދަންނަވާ ކަމަށާއި، އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.