ދުނިޔެ

ޓްރަމްޕްގެ އިންޒާރުތަކަށް އިރާނުގެ އެމްބަސީތަކުން މަލާމާތާއި ޖޯކުން ރައްދުދީފި

ޓްރަމްޕްގެ އިންޒާރުތަކަށް އިރާނުގެ އެމްބަސީތަކުން މަލާމާތާއި ޖޯކުން ރައްދުދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޭޕްރީލު 2026، 10:37

07 އޭޕްރީލު 2026، 10:37

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ދެއްވި ހަރުކަށި އިންޒާރުތަކަކަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބަވާ އިރާނުގެ ސަފީރުންނާއި އެމްބަސީތަކުން މަލާމާތާއި ޖޯކުން ރައްދުދީފިއެވެ.

 މި ހާދިސާ ފެށުނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގޮވާލައި، އެހެން ނޫންނަމަ އިރާނުގެ ބްރިޖްތަކާއި އިންޖީނުގެތަކަށް ބޮން އަޅާނެ ކަމަށް ބުނެ ޓްރަމްޕް ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ޓްރަމްޕްގެ މި ޕޯސްޓުގައި ވަރަށް ހަޑިހުތުރު ބަހުރުވަ ބޭނުންކޮށްފައިވާއިރު، އޭނާ ވަނީ އިރާނަށް "ނަރަކައިގެ ތަޖުރިބާ" ކުރަން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އިރާނުން މި އިންޒާރުތަކަށް ރަސްމީ ސިފައެއްގައި ހަރުކަށި ބަހުރުވައިން ރައްދު ދިނުމުގެ ބަދަލުގައި އިޚްތިޔާރު ކުރީ ސޯޝަލް މީޑިއާގައި ޓްރަމްޕަށް މަލާމާތް ކުރުމެވެ.

"ތަޅުދަނޑި ގެއްލިއްޖެ" – ޒިމްބާބުވޭގައި ހުންނަ އިރާން އެމްބަސީ
ޓްރަމްޕްގެ "ކަނޑުއޮޅި ހުޅުވާށޭ" ބުނި ބުނުމަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޒިމްބާބުވޭގައި ހުންނަ އިރާނުގެ އެމްބަސީން ދިން ޖަވާބަށެވެ. އެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "އަހަރެމެން އަތުން ތަޅުދަނޑި ގެއްލިއްޖެ" ކަމަށެވެ. މި ޖޯކުގައި ދެން ބައިވެރިވީ ދެކުނު އެފްރިކާގައި ހުންނަ އިރާނުގެ އެމްބަސީންނެވެ. އެމްބަސީން ބުނީ ތަޅުދަނޑި އޮތީ މާވަށިގަނޑު ދަށުގައި ކަމަށާއި، ހަމައެކަނި ރަހުމަތްތެރިންނަށް ހުޅުވައިދިނުމަށެވެ.

ޓްރަމްޕްގެ ނަފްސާނީ ދުޅަހެޔޮކަމަށް ފާޑުކިޔުން
ބަލްގޭރިއާގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ ޓްރަމްޕްގެ އަޚްލާގީ މިންގަނޑަށް ފާޑުކިޔައި، ޖެފްރީ އެޕްސްޓީންއާ ގުޅުވައި ހޫނު ރައްދެއް ދީފައެވެ. އަދި ލަންޑަނުގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމުގެ ނުރައްކަލާ ބެހޭގޮތުން ރޫމީގެ ޅެން ބައިތެއް ހިއްސާކޮށްފައެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ ޓްރަމްޕަކީ ބަލި ގަބޫލުކުރަން ނޭނގޭ ކުޑަކުއްޖެއްގެ ގޮތުގައި ސިފަކޮށް، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ގޮވާލާފައެވެ.

އޮސްޓްރިއާގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ ޓްރަމްޕްގެ ޕޯސްޓުގެ ސްކްރީންޝޮޓެއްގެ މަތީގައި "18+" ގްރަފިކްއެއް ޖަހައި، އެމެރިކާގެ ރައީސްގެ ބަހުރުވަ ހުރި ގޮތުން އެއީ ބަލަން ކަމުނުދާ އެއްޗެއްގެ ގޮތުގައި ދައްކުވައިދީފައެވެ. މި ހުރިހާ އެމްބަސީތަކަކުންވެސް ވަނީ ޓްރަމްޕްގެ އިންޒާރުތަކަކީ އެއްވެސް ބުރަދަނެއް ނެތް، މޮޔަ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450