ދުނިޔެ
ދެހަފްތާއަށް ހަމަލާތައް މެދުކަނޑާލާނެކަމަށް އެމެރިކާއިން ބުނުމުން ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނުން އެއްބަސްވެއްޖެ
އިރާނުގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ / ފޮޓޯ: ރޮއިޓާސް
އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު އިރާނަށް ހަމަލާ ދިނުމާ ގުޅިގެން ފެށުނު ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް އިރާނުން ރުހި، އެ މުއްދަތުގައި ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވެއެވެ.
އެމެރިކާގެ ހުށަހެޅުމާ ގުޅިގެން އިރާންގެ ހާރިޖީ ވަޒީރު އައްބާސް އަރައްޗީ ވިދާޅުވީ، އެމެރިކާއިން ވަކިމުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް ހުށަހަޅާފައިވުމާ ގުޅިގެން، އެ ޤައުމުގެ ހަނގުރާމަ މަތީ ސިފައިންނާ މަޝްވަރާކޮށް ހޮރުމޫޒް ކަނޑުއޮޅި އާންމުކޮށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާނެކަމަށެވެ.
ޕާކިސްތާނުން އިސްވެ އޮވެ ފެށި މި މަޝްވަރާތަކާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އިރާނުގެ އިތުރުން ލުބުނާނަށް އެމެރިކާ ސިފައިން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ވެސް ހުށަހަޅާފައިވާނެކަމަށެވެ.
އެގޮތުން ހަނގުރާމަ އެއްކޮށް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާންގެ އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އިރާނުން ވެސް އަންނަނީ ގިނަ ކަންތައްތަކެއް ހުށަހަޅަމުންނެވެ. އެއީ ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އިރާނަށް އޮތުމަށާއި، ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިން ބޭލުމާއި، އިރާނާ އެހީވާ އެހީވާ އެހެން ޤައުމުތަކާއެކު ކުރަމުންދާ ހަނގުރާމަތައް ހުއްޓާލުމާއި، ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ހުރިހާ ގެއްލުމަކަށް ފުރިހަމަ ބަދަލު ދިނުމާއި، އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގަރާރުތައް އުވާލުމާއި އަދި ބޭރު ގައުމުތަކުގައި ފްރީޒްކޮށް ހިފަހައްޓާފައިވާ އިރާނުގެ ހުރިހާ ފައިސާއަކާއި މުދަލެއް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން މަޝްވަރާގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ މަޖުބޫރު ގަރާރެއްގެ ދަށުން ހިނގާ ކަންކަމަށް ހެދުމަށް ވެސް އިރާނުން ވަނީ ހުށަހަޅާފައެވެ.