ދުނިޔެ
ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ދެކޮޅު ހަދައި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މެދުނުކެނޑި ކުރިޔަށް
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ---
ފަރުދުން
08 އޭޕްރީލު 2026، 10:06
08 އޭޕްރީލު 2026، 10:06
އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު އިރާނަށް ހަމަލާ ދިނުމާ ގުޅިގެން ފެށުނު ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް އިރާނުން ރުހި، އެ މުއްދަތުގައި ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވެފައި ވަނިކޮށް، އެކަމާ ދެކޮޅު ހަދައި އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މެދުކަނޑާނުލައި ކުރިޔަށް ގެންދާނެކަމަށް ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، އިރާނާއެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލަން ނިންމީ އީރާނުން ކަނޑުއޮޅިތައް ހުޅުވާލައި އެމެރިކާ އާއި އިޒްރޭލަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޝަރުތުކޮށްކަމަށާއި، އަދި މި ކަމުގައި ލުބުނާނު ނުހިމެނޭނެ ކަމަށެވެ.
މި ބުނުމާ ޚިލާފަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، މި ސުލްހައިގެ އެއްބަސްވުމަކީ ލުބުނާނާއި އެހެނިހެން ސަރަޙައްދުތައް ވެސް ހިމެނޭ ގޮތަށް މުޅި ސަރަޙައްދަށް އަމަލުކުރެވޭނެ އެއްބަސްވުމެއް ކަމަށެވެ. ޕާކިސްތާނަކީ އިސްވެ އޮވެ ސުލްހައިގެ އެއްބަސްވުންތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމެވެ.
ލުބުނާނުގެ މިޑީއާތަކުން ބުނީ އިޒްރޭލު ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައިވާ ބަރާޗިތު ކިޔާ ރަށަކަށް އަމާޒުކޮށް ހަމަލާތަކެއް މިއަދު ވެސް ދީފައެވެ. މިއީ ސަރަޙައްދީ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ހާމަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދިން ހަމަލާތަކެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ވައިގެ ސިފައިން ވަނީ ލުބުނާނުގައި އޮންނަ ގްލައިލޭ ކިޔާ ރަށެއްގައި ދަތުރުކުރި އެމްބިއުލާންސަކަށް ވެސް ހަމަލާ ދީފައެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީ ބުނީ އިޒްރޭލުން ގަސްދުގައި އެ ގައުމުގެ މެޑިކަލް ޓީމުތަކަށާއި ސަލާމަތީ މަސައްކަތްތެރިންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށެވެ.