ވިޔަފާރި / ޚަބަރު

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ބާޒާރަށް ނެރެ 10 ކިލޯގެ ފުޅި ދޫކުރަން ފަށައިފި

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ބާޒާރަށް ނެރެ 10 ކިލޯގެ ފުޅި ދޫކުރަން ފަށައިފި

މޯލްޑިވް ގޭސް ފޮޓޯ: ސަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2026، 10:42

08 އޭޕްރީލު 2026، 10:42

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، އާންމުންނަށް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އަލަށް ލިބުނު މި ޝިޕްމަންޓާއެކު އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އާދަޔާޚިލާފަށް އިތުރުވުމާ ގުޅިގެން، މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ވަގުތީ ގޮތުން ލިމިޓްކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓްތައް ލިބެން ފެށުމާއެކު، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ގޭސް ފުޅި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދެއްވާފައެވެ.

އެސްޓީއޯއިން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ސަރުކާރުގެ އިރުޝާދުގެ ދަށުން ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ޚާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ދުވަސްވަރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ސަޕްލައިއަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން، ބައެއް ފަހަރު ސްޓޮކް މެނޭޖްކުރުމަށްޓަކައި ލިމިޓް ކުރަން ޖެހުނު ނަމަވެސް، ސްޓޮކް އިޔާދަވުމާއެކު އާންމު ހާލަތަށް ޚިދުމަތް ބަދަލުކުރެއެވެ.

މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ 1000 ޓަނުގެ ސްޓޯރޭޖެކެވެ. މީގެ އިތުރުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ގޭހުންވެސް ސްޓޯރޭޖެއް ގެންގުޅޭއިރު، ދެ ފަރާތް ގުޅިގެން މިހާރު އޮތް ޑިމާންޑް މެނޭޖް ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގޭހުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450