ޚަބަރު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިފި
ބިދޭސީންތަކެއް/ފޮޓޯ: ޚަބަރު އޮންލައިން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ މާރޗު މަހުން ފެށިގެން 20 ބިދޭސީންނަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ނެގުން ހުއްޓާލުމަށް ބޭނުންވާ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދަށް ދާދި ފަހުން އިޞްލާޙު ގެނެސްފައިވާއިރު، 2026 އޭޕްރީލް 1 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ މި އިޞްލާޙުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި މިފަދަ ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމުގެ ގޮތުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލަކަށްވީއިރު، މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެއެވެ. ހަމަ އެއާއެކު، ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ.
މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މި ލުއިގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވާއިރު، މި ބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއުކުރެވެމުންދާނެ އެވެ.
ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.