ވިޔަފާރި / ޚަބަރު

ޒަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ދެބާވަތެއް ހުސްވުމުގެކުރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަވަސްކޮށްފި

ޒަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ދެބާވަތެއް ހުސްވުމުގެކުރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަވަސްކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2026، 01:05

08 އޭޕްރީލު 2026، 01:05

ރާއްޖޭގެ ބާޒާރުން ޒަރޫރީ ބައެއް ބާވަތްތައް ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބޮޑަށް އަވަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން ރާއްޖޭގެ މާކެޓަށް އެންމެ ބޮޑަށް ބޭނުންވެފައިވާ 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް، މިހާތަނަށް ޖުމްލަ 4,200 ކޮންޓެއިނަރު ވަނީ އެ ބަނދަރުގައި ތާށިވެފައެވެ. މީގެ ތެރެއިން ރާއްޖޭގެ ބާޒާރުން މުދާ ހުސްވެދާނެ ކަމަށް ބަލައި، ޚާއްސަ އިސްކަމެއް ދީގެން ގެނައުމަށް މަސައްކަތް ކުރަމުންދަނީ ސަންފްލަވަރ ތެލާއި ކިރު ހިމެނޭ ކޮންޓެއިނަރުތަކެވެ.

މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައި އެބައިން. އެހެންވެ އެ ދެބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން. އޭގެ ތެރޭގައި އެސެންޝިއަލް އައިޓަމްސްގެ ތެރޭގައި ހިމެނޭ 164 ބާވަތުގެ ތެރެއިން ހިމެނޭ އެއްޗަކަށް ވީތީ، އެހެން ކަންތައްތަކަށްވުރެ ބޮޑަށް ޕްރަޔޯރިޓީ އެބަދެން،

ވަޒީރު ސަޢީދު 

ވަޒީރު އިތުރަށް ވިދާޅުވީ މިހާރު މާކެޓުން މި މުދާ ހުސްނުވި ނަމަވެސް، މި ފިޔަވަޅު އަޅަނީ މުދާ ހުސްވިޔަނުދީ މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، ޚާއްޞަކޮށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރަށާއި ދުނިޔޭގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ފޯރުނަނުދިނުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އިޤްތިޞާދީ ވުޒާރާއާއި އެހެނިހެން އިދާރާތައް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450