ދުނިޔެ
އިސްރާއީލުން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހުރަސްއަޅަމުންދާތީ، 35 އަހަރަށްފަހު ޑީ.ސީ.އައި- ފަލަސްތީން ބަންދުކޮށްފި
ހަމަލާއެއްގައި އަނިޔާވި ތުއްތު ކުއްޖެއް
ފަލަސްތީނުގެ ކުޑަކުދިންނަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ފާއިތުވި ތިން އަހަރަށްވުރެ ގިނަ ދުވަހު ލިޔެކިޔުންތަކުން ރިކޯޑްކޮށް ސާބިތުކޮށްދެމުންދިޔަ "ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް – ފަލަސްތައިން" (ޑީ.ސީ.އައި.ޕީ) އިން، އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލައި ބަންދުކޮށްފިކަން އިއުލާނުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަކީ ކުށްވެރި ބައެއްގެ ގޮތުގައި ކަނޑައަޅައި، އިސްރާއީލުން އެ ފަރާތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
ޑީ.ސީ.އައި.ޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން އެ ޖަމިއްޔާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، ދެން އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ނުހަނު ދަތި އުނދަގޫ ހާލަތްތަކުގައި 35 އަހަރު ވަންދެން ފަލަސްތީނުގެ ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރުމަށްފަހު، މިއަދު މިވަނީ މަސައްކަތުން ދުރަށްޖެހެން މަޖުބޫރުވެފައެވެ.
"ފަލަސްތީނުގެ ކުޑަކުދިން ދިރިއުޅެމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއްގެ ތެރޭގައެވެ. އެކުދިން ތަހައްމަލު ކުރަމުންދަނީ ނަސްލީ ތަފާތުކުރުމާއި، އަސްކަރީ އިސްތިއުމާރާއި، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހަދަމުންދާ އާބާދުވުންތަކުގެ ނުރައްކަލެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ އިތުރުން، އެތައް ކުދިންނެއް ހައްޔަރުކޮށް، އަނިޔާދީ، ނަފްސާނީ ގޮތުން ބަލިކޮށްލާފައިވާއިރު، ގިނަ އަދަދެއްގެ ކުދިން އިމާރާތްތަކުގެ ގައުކުނޑިތަކުގެ ދަށުގައި ތާށިވެފައިވާކަމަށާއި، އަދި އެތައް ކުދިންނެއް މުޅި އުމުރަށް ނުކުޅެދުންތެރިވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ޑީ.ސީ.އައި.ޕީ އިން ސިފަކުރި ގޮތުގައި މިއީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ވަރަށް ނުރައްކާތެރި އަދި މެދުނުކެނޑި ކުރިއަށްދާ އަމަލުތަކެކެވެ. އަދި އެހެނިހެން ޖަމިއްޔާތަކަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ، ފަލަސްތީނުގެ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން ކުރަމުންދިޔަ މި މުހިންމު މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށެވެ.
މި ޖަމިއްޔާ ބަންދުކުރުމަކީ ފަލަސްތީނުގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
މި އިއުލާނު މި އައީ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ފެބުރުވަރީ މަހު، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ "މެޑެސިންސް ސާންސް ފްރޮންޓިއަރސް" (ޑޮކްޓާސް ވިތައުޓް ބޯޑާސް) އަށް، ފެބުރުވަރީ 28 ގެ ކުރިން ގާޒާގައި ހިންގާ އިންސާނީ އެހީގެ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ. އިސްރާއީލުން މި ފިޔަވަޅު ދިފާއުކުރަމުން ބުނެފައިވަނީ، އެ ޖަމިއްޔާއިން ފަލަސްތީނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލީ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
މިފަދަ ހުރަސްތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެތައް މުވައްޒަފުންނަކަށް ވަނީ ޣައްޒާ ދޫކޮށް ދާން މަޖުބޫރުވެފައެވެ. އެގޮތުން، އެމީހުންގެ ހުއްދައިގެ މުއްދަތު ހަމަވުމުން، އެމީހުން ވަޒީފާ އަދާކުރާ ޖަމިއްޔާތަކުގެ ލައިސަންސް އާކޮށްދިނުމަށް އިސްރާއީލުން އިންކާރުކުރުމާ ގުޅިގެން، މަދުވެގެން 57 ބައިނަލްއަގުވާމީ މުވައްޒަފުން ވަނީ ގާޒާއިން ބޭރުވެފައެވެ. މިކަމުގެ ސަބަބުން، ކުރިންވެސް ނާޒުކު ހާލަތެއްގައި އޮތް އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެން ގޮސްފައިވެއެވެ.
މިއަދު ޣައްޒާގައި ތިބި ދެ މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ އިންސާނީ އެހީގެ ދަތިކަމެކެވެ. ތަޖުރިބާކާރު މުވައްޒަފުންނާއި މުހިންމު ޖަމިއްޔާތައް ގެއްލުމުގެ ސަބަބުން، ސިއްހީ ފަރުވާއާއި، ކާބޯތަކެތި ބެހުމާއި، އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މި ހިތާމަވެރި ހާލަތު ކުރިމަތިވެފައިވަނީ، 2023 އޮކްޓޯބަރު 7 ގައި އިސްރާއީލުން ގާޒާގައި ފެށި ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ގަތުލުއާންމުގައި މުޅި ޣައްޒާ ވަނީ ސުންނާފަތިކޮށްލާފައެވެ. މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 172،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ގަތުލުއާންމުގައި އާންމުންގެ އުމްރާނީ ވަސީލަތްތައްވެސް ވަނީ ފުނޑުފުނޑުކޮށްލާފައެވެ. ގާޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަލާކުކޮށްލާފައި ނުވަތަ ބޭނުންނުކުރެވޭ ވަރުކޮށްލާފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، އަދި ސްކޫލްތައް ހިމެނެއެވެ. މި ބޮޑު ހަލާކުގެ ސަބަބުން ސިއްހީ ނިޒާމު ވަނީ ފުނޑުފުނޑުވެ، އެހީދޭ ޖަމިއްޔާތަކަށް މަސައްކަތްކުރުމަށް އިންތިހާއަށް އުނދަގޫވެފައެވެ.
އިސްރާއީލުން ޣައްޒާ ބަންދުކޮށްގެން އުޅޭތާ މިހާރު 18 އަހަރު ވެފައިވާއިރު، މިހާރު ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. ގާތްގަނޑަކަށް 1.5 މިލިއަން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިންޒާރުދޭ ގޮތުގައި، ޑީ.ސީ.އައި.ޕީ ފަދަ ޖަމިއްޔާތައް ހުއްޓާލުމުގެ ސަބަބުން، ހިންގަމުންދާ ޖަރީމާތައް ބަލައި މޮނިޓާކޮށް، ޒިންމާދާރުކުރުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ބަލިކަށިވެގެންދާނެއެވެ. މިނިވަން މުއައްސަސާތަކުން މިފަދަ ކަންކަން ލިޔެކިޔުންތަކުން ސާބިތުކޮށް ރިޕޯޓު ނުކުރާނަމަ، ކުޑަކުދިންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ހަބަރު ދުނިޔެއަށް ނޭނގި، އެކަންކަމަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭނެއެވެ.