ދުނިޔެ

އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށް ނަތަންޔާހޫ ބުނެފި

އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށް ނަތަންޔާހޫ ބުނެފި

އިސްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2026، 06:56

08 އޭޕްރީލު 2026، 06:56

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށް ބުނެފިއެވެ.

 އިސްރާއީލުން މިހެން ބުނެފައިވަނީ ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ގައުމުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ.

ނަތަންޔާހޫގެ އޮފީހުން ބުދަ ދުވަހު އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިސްރާއީލުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން "ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓޭނެ" ކަމަށް އެ އޮފީހުން ވަނީ ސާފުކޮށްދީފައެވެ.

ނަތަންޔާހޫ މި ބަޔާން ނެރެފައިވަނީ، އެމެރިކާއާއި އީރާނުގެ އިތުރުން އެ ގައުމުތަކުގެ ބައިވެރިން "ލުބުނާނާއި އެހެނިހެން ސަރަހައްދުތައް ހިމެނޭހެން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ" ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި މި ނިންމުމަށް ވަގުތުން އަމަލުކުރަން ވަނީ ފަށާފައެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,500 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އިސްރާއީލު ސިފައިން މިހާރު ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަރައިގަނެ، "ބަފަރ ޒޯން" އެއް ހެދުމުގެ ނަމުގައި އިތުރު ބިންތައް ހިފުމަށް މަސައްކަތް ކުރަމުންނެވެ.

ލުބުނާނުގެ ގައުމީ މީޑިއާ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ހެނދުނުވެސް އިސްރާއީލުން ވަނީ ދެކުނުގެ ތަޔަރ ސިޓީގެ ސުރީފާ އަށާއި ސަދީގީން ސަރަހައްދަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރާއީ ވަނީ ތަޔަރ ސިޓީގެ ރައްޔިތުންނަށް އިންޒާރުދީ، ޒަހްރާނީ ކޯރުގެ އުތުރަށް ހިޖުރަކުރުމަށް އަންގާފައެވެ. މިއީ އެ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450