ޚަބަރު / ރިޕޯޓް
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ، ޑިމޮކްރެސީގެ އުސޫލުތަކާ މެދު ސުވާލު އުފެދިއްޖެ
ފޮޓޯ: ކުރީގެ ރައީސް ސޯލިހު،ފައްޔާޒު އަދި ރައީސް ނަޝީދު
ފަރުދުން
08 އޭޕްރީލު 2026، 05:51
08 އޭޕްރީލު 2026، 05:51
އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، ލީޑާޝިޕްގެ މެދުގައި ބޮޑެތި މައްސަލަތަކެއް އުފެދިއްޖެއެވެ. ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރަން ގައުމީ މަޖިލީހުގެ 59 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފިއެވެ. މި މައްސަލަ ހޫނުވެފައިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ރައީސް ނަޝީދާއި ބައެއް އިސްބޭފުޅުންނަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިން ހިސާބުންނެވެ. ޚާއްސަކޮށް، ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނީ ރައީސް ސޯލިހު އެންގެވުމުން ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ. މިއާއެކު، ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދުކުރާ ދެފެކްޝަންގެ ދެމެދު އޮތް ކޯޅުން ވަނީ އިތުރަށް ގޯސްވެފައެވެ.
މަގާމުތަކުން ވަކިކުރުމާއި އަސާސީ ގަވާއިދުގެ ބަހުސް
ޕާޓީގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފު ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމުން މައްސަލަ އިތުރަށް ހޫނުވިއެވެ. އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ "އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް" ކަމަށެވެ. ނަމަވެސް، ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކުރައްވައި އިބްރޭއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ފަރާތަކުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ނާއިބުން އައްޔަނުކުރަންވާނީ ގައުމީ މަޖިލީހުގެ ރުހުމާއެކު ކަމަށެވެ. އަދި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ނާއިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް އައްޔަނު ކުރެވިދާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމު އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި ފެނިގެންދަނީ ޕާޓީގެ އެތެރޭގެ ބާރުވެރިކަން ހޯދުމަށް ވަކި ފެކްޝަނަކަށް ފައިދާވާ ގޮތަށް ކަންކަން ނިންމަމުންދާ މަންޒަރެވެ. ގައުމީ މަޖިލީހުގެ 59 މެންބަރުންގެ ސޮޔާއެކު މި މައްސަލަ ހުށަހެޅުމުން، ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުން ވަނީ އިތުރަށް ސާފުވެފައެވެ. ހާއްސަކޮށް، ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން މިހާރު ގެންދަނީ ޣަފޫރު ވަކިކުރުމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ބާރުއަޅަމުންނެވެ.
ޑިމޮކްރެސީގެ ދައުވާއާއި އަމަލުތަކުގެ ފުށުއެރުން
އެމްޑީޕީއަކީ އަބަދުވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރެސީގެ އުސޫލުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ ޕާޓީއެވެ. ނަމަވެސް، ޕާޓީގެ އެތެރޭގައި ކަންކަން ހިނގަމުންދާ ގޮތުން މި ދައުވާއާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނިމިދިޔަ އިންތިހާބުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނަޝީދާއި ފައްޔާޒަށް ނުދިނުމުން، އެ ބޭފުޅުން ވަނީ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ. ޕާޓީގެ ޕޯޑިއަމްތަކުން ވަކި ބަޔަކަށް ފުރުސަތު ނުދިނުމުގެ މައްސަލައާ ގުޅިގެން، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވަނީ މާޒީގެ ހަނދާންތަކެއް އާކުރައްވާފައެވެ. އޭނާ ވިދާޅުވީ، “އެމްޑީޕީ ޕޯޑިއަމް ވަކިބަޔަކަށް ނުދިނުމަކީ އާކަމެއްނޫން، އެ ޕޯޑިއަމްގައި ހުއްޓާ އޮއްގާވެސް އުކި” ކަމަށެވެ. މިއިން ދައްކައިދެނީ، ހިޔާލު ތަފާތުވާ ފަރާތްތަކަށް ޕާޓީގެ އެތެރޭގައި ޖާގަ ނުދިނުމުގެ ސަގާފަތެއް އެމްޑީޕީގައި އަށަގަނެފައިވާ ކަމެވެ.
ފެކްޝަންތަކުގެ ކޯޅުމުގެ ތެރެއިން، ނަޒީހާ (މެޑަމް ފަޒްނާގެ ކޮއްކޮ) ވަނީ ނަޝީދުގެ ފެކްޝަނަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ،"ނިމިދިޔަ އިންތިހާބުގައި އެމްޑީޕީން ކާމިޔާބު ހޯދީ ވަކި ބަޔަކު އެ ޕާޓީއަށް އެނބުރިއައިސްގެން ނޫން" ކަމަށެވެ. މި ބަސްމަގުން އެނގިގެންދަނީ، ޕާޓީގެ ކާމިޔާބީގެ ކްރެޑިޓް ނެގުމުގައިވެސް ދެ ފެކްޝަނުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ކަމެވެ. ރައްޔިތުންނަށް ޑިމޮކްރެސީގެ ފިލާވަޅުތައް ނަގައިދޭން އުޅޭ ޕާޓީއެއްގެ އެތެރޭގައި މިފަދަ ހުދުމުހުތާރު ސިފަތަކެއް ފެންނަމުންދިއުމަކީ، ޕާޓީގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި