ދުނިޔެ

އިސްރާއީލުގެ ބަންދުގައި ހުންނެވި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު މިނިވަންކުރުމަށް އެމްނެސްޓީން ގޮވާލައިފި

އިސްރާއީލުގެ ބަންދުގައި ހުންނެވި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު މިނިވަންކުރުމަށް އެމްނެސްޓީން ގޮވާލައިފި

ޑރ ޙުސާމް އަބޫ ސާފިޔާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2026، 07:51

08 އޭޕްރީލު 2026، 07:51

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ، އިސްރާއީލުގެ ސިފައިން ހައްޔަރުކޮށްގެން ގެންގުޅޭތާ 450 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ވަގުތުން މިނިވަންކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އަނެއްކާވެސް ގޮވާލައިފިއެވެ.

 އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި ހައްޔަރުކުރި އަބޫ ސަފިއްޔާއަށް ޖަލުގައި ބޮޑެތި އަނިޔާތަކާއި އިހާނެތިކޮށް ހިތަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އޮސްޓްރޭލިއާއިން ބުދަ ދުވަހު ވަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޑިޕްލޮމެޓިކް ނުފޫޒު ބޭނުންކޮށްގެން، އެއްވެސް ޝަރުތަކާ ނުލައި އަބޫ ސަފިއްޔާ މިނިވަންކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި ވަކި ފަރުދަކަށް ކުރިމަތިވެފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން އިސްރާއީލުން ހިންގާ ނިޒާމީ އަނިޔާވެރިކަމުގެ ބައެކެވެ.

އދ. ގެ ހާއްސަ ރެޕަޓުއާ ތަލެންގް މޮފޮކެންގް އަދި ބެން ސައުލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަބޫ ސަފިއްޔާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ނިޒާމީ ގޮތެއްގައި ދަނީ ހުރަސްއަޅަމުން، މީގެ ސަބަބުން އޭނާގެ ފުރާނައަށް ވަނީ ނުރައްކާވެފައި،" އދ. ގެ މާހިރުން ވިދާޅުވިއެވެ.

ޑރ. އަބޫ ސަފިއްޔާ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޣައްޒާގެ އުތުރުގައި ހުރި އެންމެ ފަހުގެ ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދުވާން ހޮސްޕިޓަލުން ނުކުތުމަށް އިސްރާއީލުން އެންގި އެންގުމަށް އިންކާރު ކުރެއްވުމުންނެވެ. ޣާއްޒާގެ އެހެން ގިނަ އަސީރުންނެކޭ އެއްފަދައިން، އޭނާވެސް ބަންދުގައި ހުރީ އެއްވެސް ދައުވާއެއް ނުވަތަ ޝަރީއަތަކާ ނުލައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ވަނީ ގާޒާގެ ސިއްހީ ދާއިރާއަށް 930 އަށްވުރެ ގިނަ ހަމަލާދީފައެވެ. މީގެ ސަބަބުން ގާޒާގައި ހުރި ހުރިހާ 36 ހޮސްޕިޓަލަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

އެމްނެސްޓީން ވަނީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވަންގްއަށް މިކަމުގައި ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް އާންމުންނަށް ގޮވާލާފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް ނުފޫޒު ފޯރުވައި، ހުރިހާ ސިއްހީ ހިދުމަތްތެރިން މިނިވަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450