Ads by Farudhun

ޚަބަރު

ބީއެމްއެލްއިން ގެދޮރު ހެދުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %20 އިން %5އަށް ދަށްކޮށްފި

ބީއެމްއެލްއިން ގެދޮރު ހެދުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %20 އިން %5އަށް ދަށްކޮށްފި

ހޯމް ކޮންސްޓްރަކްޝަން ލޯނުގެ އިކުއިޓީ ބީއެމްއެލްއިން ވަނީ %5އަށް ދަށްކޮށްފައި / ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

08 އޭޕްރީލު 2026، 07:49

08 އޭޕްރީލު 2026، 07:49

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެދޮރު އެޅުމަށާއި މަރާމާތު ކުރުމަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފިއެވެ. 

ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މި ފަހުން ބިން ދޫކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގި ނަމަވެސް، އެ ތަންތަނުގައި ގެ އެޅުމަކީ ޚަރަދުގެ ގޮތުން ބަލާއިރު މަދުމީހަކަށް ނޫނީ ނުކުރެވޭ ކަމެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، އަތުގައި ފައިސާ ނެތުމާއި، ލޯނު ހޯދުމަށް ދައްކަންޖެހޭ އިކުއިޓީ ބޮޑުވެގެން ލޯނު ލިބޭނެ ގޮތެއް ނެތުން ވެސް ހިމެނެއެވެ. އެހެންކަމުން ބީއެމްއެލްއިން މި ގެނައި ބަދަލާއެކީ ގިނަ އާއިލާތަކަކަށް ގެދޮރު ހެދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަކީ ބީއެމްއެލްގެ އިސް އަމާޒެއް ކަމަށެވެ. 

ޤައިމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް. އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު ގެދޮރު އިމާރާތް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް ފުރުސަތު ފަހިވެގެން ދާނެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން، މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް އިކުއިޓީގެ ގޮތުގައި ކުރިން 400،000 ރުފިޔާ ދައްކަން ޖެހުނުއިރު، ދެން ދައްކަން ޖެހޭނީ 100،000 ރުފިޔާއެވެ. އެހެންކަމުން މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ބޭންކުން ފާހަގަ ކުރެއެވެ. 

ބީއެމްއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 3 މިލިއަނުން މަތީގެ މަޝްރޫޢުތަކުގެ އިކުއިޓީއަކީ އަދިވެސް 20 އިންސައްތައެވެ.

ބީއެމްއެލްއިން ގެދޮރު ގަތުމަށް ނަގާ ފައިނޭންސިން ފެސިލިޓީތަކުގެ އިކުއިޓީ ވެސް ވަނީ މިދިޔަ އަހަރު 5 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އެ ފައިނޭންސިން ފެސިލިޓީތައް ބޭންކުން ދޫކުރަނީ 9 އިންސައްތައިގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450