ދުނިޔެ
އީރާނާއެކު ވެވުނު ސުލްހައިގެ އެއްބަސްވުމަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް ބުނެ އިސްރާއީލުގެ އޮފިޝަލުން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފި
އެމެރިކާގެ ރަައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، އިސްރާއީލުގެ ސިޔާސީ އިސްވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ. އިސްރާއީލުގެ އޮފިޝަލުން ވަނީ މިއީ ޑިޕްލޮމެޓިކް އަދި ސްޓްރެޓީޖިކް ގޮތުން ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ބުނެފައެވެ.
އިދިކޮޅު ލީޑަރު ޔާއިރު ލަޕިޑް ވިދާޅުވީ އިސްރާއީލުގެ ތާރީޚުގައިވެސް މިފަދަ ޑިޕްލޮމެޓިކް ކާރިސާއެއް ކުރިމަތިނުވާ ކަމަށެވެ. "އިސްރާއީލުގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމިއިރު، އިސްރާއީލަކީ އެ މަޝްވަރާ މޭޒުގެ ބައިވެރިއެއްވެސް ނޫން،" ލަޕިޑް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޑިޕްލޮމެޓިކް އަދި ސްޓްރެޓީޖިކް ގޮތުން ފެއިލްވެފައި ކަމަށާއި، އޭނާ ކަނޑައެޅި އެއްވެސް އަމާޒެއް ހާސިލްވެފައި ނުވާ ކަމަށެވެ.
ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ އިތަމާރު ބެން-ގަވީރުގެ އޮޓްޒްމާ ޔެހޫދީ ޕާޓީގެ މެންބަރު ޒްވިކާ ފޮގޭލް ވަނީ ރައީސް ޓްރަމްޕަށް ނިސްބަތްކުރައްވައި ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ "ޑޮނަލްޑް، ތިބާ ތިޔަ ނުކުތީ ފިނޑި އަދި ބަލިކަށި ބަތްޕެންގަނޑެއް (duck) ފަދައިންނެވެ!" މިފަދަ މާނައެއްގައެވެ.
ޑިމޮކްރެޓްސްގެ ޗެއާމަން ޔާއިރު ގޯލާން ވިދާޅުވި ގޮތުގައި މި ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލްވެފައެއް ނުވެއެވެ. އީރާނުގެ ސަރުކާރު އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށާއި، އެ ގައުމުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާ ކަމަށާއި، ހޯމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީވެސް އީރާނުގެ އަތްމަތީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުން އިއުލާން ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނަށް ދޭން ތައްޔާރުވަމުންދިޔަ ވަރުގަދަ ހަމަލާތައް މަޑުޖައްސާލަން ނިންމެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ އާސިމް މުނީރުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން 10 ނުކުތާގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، މިއީ ދާއިމީ ސުލްހައަކަށް ދިއުމަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އިސްރާއީލް ބެއިޓެނޫގެ ލީޑަރު އަވިގްޑޯ ލީބަމަން ވިދާޅުވީ، އީރާނުން އިސްރާއީލް ނައްތާލުމުގެ އަޒުމް ދޫކޮށްނުލަނީސް މިފަދަ އެއްބަސްވުންތަކަށް ދިއުމަކީ އީރާނަށް އަލުން ވަރުގަދަވާން ދެވޭ ވަގުތެއް ކަމަށެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑު އަގެއް ދައްކަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.