Ads by Farudhun

ޚަބަރު

ރައީސް ނަޝީދުގެ ފެކްޝަނުން އަނެއްކާ ވެސް އެމްޑީޕީ ރޫޅާލަން އުޅޭކަމަށް ގަޕޯ ތުހުމަތުކުރައްވައިފި

ރައީސް ނަޝީދުގެ ފެކްޝަނުން އަނެއްކާ ވެސް އެމްޑީޕީ ރޫޅާލަން އުޅޭކަމަށް ގަޕޯ ތުހުމަތުކުރައްވައިފި

އެމްޑީޕީއިން އުފާފާޅުކުރަން ބޭއްވި ޖަލްސާގައި ް އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވާހަކަފުޅު ދައްކަވަނީ---

farudhun logo

ފަރުދުން

08 އޭޕްރީލު 2026، 09:18

08 އޭޕްރީލު 2026، 09:18

ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އަނެއްކާ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލަން އުޅޭކަމަށް، އެ ޕާޓީގެ ވަގުތީ ޗެއާރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތުކުރައްވައިފިއެވެ. 

ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓަކު ޚިއްޞާކޮށްފައިވާ ވީޑިއޯއެއްގައި، ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދެވުން ގޮތް ޚިއްސާކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތަށްޓަކައި ޕާޓީގެ މަސްލަހަތު ގެއްލުވާލަމުންދާކަމުގައެވެ.

މިއަދު އަޅުގަނޑު ކަތިލުމަކުން މިކަމެއް ފުރިހަމަވެގެނެއް ނުދޭ. މިއަދު އެ ކަތިލަނީ އެމްޑީޕީ.

އަބްދުލްޣަފޫރު އަސަރާއެކު ވިދާޅުވިއެވެ.

އެ ރޭގައި ކަން ހިނގާދިޔަ ގޮތް ޚިއްސާކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، އެ ދުވަހުގެ މެންދުރު 2 ޖެހިއިރު އެ ރޭގެ ޖަލްސާގެ ޕްރޮގްރާމް ފައިނަލް ކުރިކަމަށެވެ. އަދި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ކުރީގެ ޗެއާރޕާސަން ފައްޔާޒު އެދިލެއްވީ އެ ރޭކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ. އަދި އެކަމަށް ގޮތެއް ނިންމުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށް ބުނުމަށްފަހު ފޯނު ބޭއްވިތާ މާގިނައިރުތަކެއް ނުވެ ރައީސް ނަޝީދު ގުޅުއްވި ކަމަށާއި، ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވިކަމަށް އަބްދުލްޣަފޫރު ޙިއްސާކުރެއްވިއެވެ.

ކެމްޕެއިން ކޮމެޓީގައި މަޝްވަރާކޮށްލުމަށް ވަގުތު ކޮޅެއް ދިނުމަށް ރައީސް ނަޝީދު އަރިހުން ވެސް އެދިލެއްވި ކަމަށާއި، ނަމަވެސް ފޯނު ނުބާއްވަނިސް ޖަލްސާ ބޮއިކޮޓްކުރިކަމަށް ސޯޝަލް މީޑިއާގައި ލިޔުނުކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ.

އެ ކޯލު ބޭއްވިތަނާ ރައީސް ނަޝީދު އަޅުގަނޑާ ގުޅި. ގުޅާފަ ބުނީ ތިމަންނައަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެއޭ. އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީކީ، އަޅުގަނޑު ނިންމާނީ ކެމްޕެއިން ކޮމެޓީގަ މަޝްވަރާކޮށްގެންނޭ، އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ. އެހެން ބުނެފަ ފޯނު ނުބޭއްވޭ، ބްރޭކިން ނިއުސްއަށް އަރުވައިފި ޖަލްސާ ބޮއިކޮޓްކުރިކަމަށް.

އަބްދުލްޣަފޫރު ވިދާޅުވިއެވެ.

އެހެންކަމުން އަބްދުލްޣަފޫރު ނުފޫޒު ބޭނުންކުރިކަމަށް ބުނެވެންނެތްކަމަށް އެ ވީޑިއޯގައި އެ ބޭފުޅާ ވިދާޅުވިއެވެ. 

އެ ބޭފުޅާ އިތުރަށް ވިދާޅުވީ، އެމްޑީޕީ ތިން އިންތިޚާބުން ފެއިލްވެ، ހަތަރު ބައި-އިލެކްޝަނުން ފެއިލްވެފައި ވަނިކޮށް ޕާޓީ ނަގާ ކޮޅަށް ޖެހުމުން، މިއަދު ލިބުނު ކާމިޔާބީގައި އެހެން ބަޔަކު އެ ކްރެޑިޓް ހޯދުމަށް މަސައްކަތް ކުރަނީ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އެ ގެންދަވަނީ އެމްޑީޕީ "ކަތިލަމުން"ކަމަށް އަބްދުލްޣަފޫރު ސިފަކުރެއްވިއެވެ.

މިއާއެކު ހަނދާނަށް އަންނަނީ 2023 ވަނަ އަހަރު ދަ ޑިމޮކްރެޓްސްގެ ޕޯޑިއަމްގައި ރައީސް ނަޝީދު ހަރުއަޑުން ވިދާޅުވި ބަސްކޮޅެކެވެ.

އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ދަންނަވާނަން، ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރުޅާލާނަން. ރޫޅާލާނަން. ރުޅާލާނަން. ރޫޅާލާނަން. ރުޅާލާނަން. ތި ކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން.

ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450