ޚަބަރު
ގއ. ވިލިގިލީ ބޯޓެއް އަޑިއަށް ގޮސް އޭގެން ދަތުރުކުރި ދިވެއްސެއް ގެއްލިއްޖެ
އުދަރެސް ބޯޓަށް މީހަކު މުދާ އަރުވަނީ---
ފަރުދުން
09 އޭޕްރީލު 2026، 08:12
09 އޭޕްރީލު 2026، 08:12
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ދިވެއްސަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
"އުދަރެސް" ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 1:25 ހާއިރުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.
ބޯޓު އަޑިއަށްދިޔައިރު އޭގައި 13 މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި 10 ބިދޭސީންނެވެ. އަދި ބޯޓު އަޑިއަށް ދިޔުމުން ބޯޓުން ދަތުރުކުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެލި ރިޒޯޓަށް އަރާފައެވެ. އޭގެ ފަހުން އެ ރިޒޯޓުގެ ދޯންޏަކުން ނިކުމެ އިތުރު 11 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސަލާމަތް ކުރެވުނު 12 މީހުންގެ ހާލު ވެސް ރަނގަޅެވެ.
ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.