ކުޅިވަރު
ޒޯން ފުޓުބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅޭނެ 6 ރަށް ކަނޑައަޅައިފި
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ މެޗެއް / ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ކުރިޔަށްގެންދާ ޒޯން ފުޓުބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅޭނެ 6 ރަށް ކަނޑައަޅައިފިއެވެ.
މިއީ އެފްއޭއެމްއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުރިޔަށް ގެންދިޔަ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންނުންނާއި ރަނަރަޕުންގެ މެދުގައި ކުޅޭ ކޮލިފިކޭޝަން ބުރުވެ.
ކޮލިފިކޭޝަން ބުރުގެ ގުރުއަތުނެގުން މިއަދު ބާއްވާފައިވާއިރު، މި ބުރުގައި ހިމެނޭ ނޯތު ޒޯން މެޗުތައް ކުޅޭނީ ހއ. ދިއްދޫ އާއި ބ. އޭދަފުށީގައެވެ. އަދި ސެންޓްރަލް ޒޯންގެ މެޗުތައް އދ. މަހިބަދޫ އާއި ދ. މީދޫގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ސައުތު ޒޯންގެ މެޗުތައް ކުޅޭނީ ލ. ގަން އަދި ގދ. ގައްދޫގައެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން ނޯތު ރީޖަންގެ ޒޯން އެކެއްގެ މެޗުތައް މި މަހުގެ 18 އިން 28 އަށް ދިއްދޫގައި ކުރިއަށްދާއިރު، ނޯތު ރީޖަން ދޭއްގެ މެޗުތައް އޭޕްރީލް 15 އިން 30 އަށް ބާއްވާނީ އޭދަފުށީގައެވެ.
ސެންޓްރަލް ރީޖަންގެ ފޯރި ފެންނާނީ މަހިބަދޫ އާއި މީދޫއިންނެވެ. އެގޮތުން މަހިބަދޫގައި ޒޯން އެކެއްގެ މެޗުތައް މި މަހުގެ 15 އިން 30 އަށް ކުޅޭއިރު، މީދޫގައި ޒޯން ދޭއްގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 16 އިން 28 އަށެވެ.
ސައުތު ރީޖަންގެ ކޮލިފައިން މެޗުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ރީޖަންގެ ޒޯން އެކެއްގެ މެޗުތައް ލ. ގަމުގައި ބާއްވާއިރު، ޒޯން ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ.
މި ދެ ޒޯންގެ މެޗުތައްވެސް މި މަހުގެ 28 އަށް ނިމޭނެއެވެ.
އަދި ކޮލިފިކޭޝަން ބުރަށްފަހު ކޮންމެ ޒޯނަކުންވެސް އެއްވަނަ ހޯދާ ޓީމުތައް މާލެއަށް ދަތުރުކޮށް، "ޒޯން ޗެމްޕިއަންސް ލީގު" ގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.