ޚަބަރު
ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ހާމަކޮށްދޭން އެންސްޕާ ކާޑު ހުށަހެޅޭ
ސަރުކާރުން އެންމެ ފަހުން ފްލެޓު ދޫކުރި ޓަވަރެއް---
ފަރުދުން
09 އޭޕްރީލު 2026، 11:12
09 އޭޕްރީލު 2026، 11:12
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އަހައްމިއްޔަތެއް ދިނުމަށް ނިންމާފައިވާއިރު، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"އިން ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ޔަޤީންކޮށްދޭން އެންސްޕާ ކާޑު ހުށަހެޅޭނެކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 1ވަނަ ދުވަހުއެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އޭޕްރީލް 1 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ލިޔެކިޔުން pic.twitter.com/nptpTwKXeJ
— Ministry of Construction, Housing & Infrastructure (@MoCImv) April 9, 2026
އެ ވުޒާރާއިން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ޚާއްސަކޮށްފައިވެއެވެ. އޭރު އުސޫލު އޮތްގޮތުން ޖެހެނީ، ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާލާށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެވުޒާރާއިން އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.