Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ފަސްޓް އެއިޑް ޕްރޮގްރާމް އިފްތިތާޙްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ފަސްޓް އެއިޑް ޕްރޮގްރާމް އިފްތިތާޙްކޮށްފި

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން--

farudhun logo

ފަރުދުން

10 އޭޕްރީލު 2026، 02:58

10 އޭޕްރީލު 2026، 02:58

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިޔަށްގެންދަނީ ސައިރިކްސް ކޮލެޖާއި ގުޅިގެންނެވެ. އަދި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 23 ބައިވެރިން ވަނީ ބައިވެރިވެފައެވެ. 

މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ޞިއްޙީ ފުރަތަމަ އެހީ ދިނުމަށާއި ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ދިވެހި ރާއްޖޭއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ. އެގޮތުން ޞިއްޙީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހާގަ ކުރެއްވިއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއިއެކު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް އިބްރާހިމް ޠާރިޤު ގެންދަވަނީ ފަތުރުވެރިކަމުގެ ދައީރާ އާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ގިނަ ސިޔާސަތުތަކެއް އެކަށައަޅުއްވަމުންނެވެ. 

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓްރީން ޝުކުރު އަދާކުރެއެވެ. އަދި މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން ފަތުރުވެރިންގެ ކަންކަމުގައި އިތުރަށް ސަމާލުވެ، ފަރުވާތެރިވުމަށްވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450