ޚަބަރު
އުނގޫފާރު ގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އުނގޫފާރު ގޮނޑުގައި އަލިފާން ރޯވުން. ފޮޓޯ: އުނގޫފާރު.ކޮމް
ރ. އުނގޫފާރު ކުނިކޮށީގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 ހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް ކުރި މަސައްކަތުން، މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް ކުނިކޮށީގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އެ އިދާރާއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.