ޚަބަރު
އިމިގްރޭޝަނުން މިއަދު ޕާސްޕޯޓުގެ ޚިދުމަތްދޭނެ ކަމަށް ވިދާޅުވެއްޖެ
މޯލްޑިވްސް އިމިގްރޭޝަން. ފޮޓޯ: ޕީއެސްއެމް
މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މާލެ ސަރަހައްދާއި އައްޑޫ ސިޓީގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް މިއަދު ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލޭގެ އިމިގްރޭޝަން އޮފީހާއި އައްޑޫ އިމިގްރޭޝަން އޮފީހުން މިއަދު ހެނދުނު 8:30 އިން ހަވީރު 17:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރަމުންދާނެ ކަމަށެވެ.
މީގެއިތުރުން، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން މިއަދު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
3 ނޮވެންބަރު 2026 ވަނަ ދުވަހު މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުންނާއި އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. https://t.co/kklcDqxFMg
— Maldives Immigration (@ImmigrationMV) November 2, 2026
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މެޑިކަލް އިމަޖެންސީ ފަދަ ކުއްލި ހާލަތްތަކުގައި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުއްވައިގެން ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.