ޚަބަރު
ސިފައިންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ޅުތުއްކަލާ ކޮށީގެ 15 ބުރީގެ ޢުމްރާނީ ބިނާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:ދިފާޢީ ވުޒާރާ
މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކޮށް ވަސީލަތްތައް ޤާއިމްކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާނުކުރައްވާފައިވާ، ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ ޢުމްރާނީ ބިނާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ޚާއްޞަކޮށްގެން ސިފައިންގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ. "ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ދެ އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެއްބަސްވުމުގައި ވަނީ ކަނޑައަޅައިފައެވެ.

ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއެވެ. ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނާއިބު ފާތިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖޯ ވޭދޯންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާޢީ ވުޒާރާގެ އިސްވެރިން އަދި ރޯޓައިމް ކުންފުނީގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.