Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 11:35

03 ނޮވެމްބަރު 2026، 11:35

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނާއި މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާއިރު، ބޯޑުގައި މައި ޙިއްޞާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލުކުރާ 5 ޑިރެކްޓަރުން ތިއްބަވަންޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރަން ޖެހެނީ 2 ޑިރެކްޓަރުންނެވެ. 

މީގެއިތުރުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ބޯޑު ޑިރެކްޓަރުންގެ މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 67 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި ޑިރެކްޓަރުކަމަށް ބޭފުޅަކު ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނު، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރާނީ އެމްޓީސީސީގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމިޓީންނެވެ. އެއީ ކުންފުނީގެ ބޯޑު ކެންޑިޑެންސީ ޕޮލިސީއާއި ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑު އަދި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

މިގޮތުން ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ބޯޑަށް ހުށަހެޅުމަށްފަހު، 2026 ވަނަ އަހަރު ބާއްވާ ޚާއްޞަ ޢާންމު ޖަލްސާގެ ކުރިން ޙިއްޞާދާރުންނަށް ޢާންމުކޮށް އިޢުލާންކުރާނެ ކަމަށާއި، މި މަޤާމަށް ޑިރެކްޓަރަކު އިންތިޚާބުކުރުން އޮންނާނީ އެ ޖަލްސާގައި ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކުންފުނީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ 3001107 / 3001106 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450