ދުނިޔެ
އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަދިވެސް އޮތީ ހުއްޓިފައި
ހޯޒްމޫޒް ކަނޑުއޮޅި
އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަދިވެސް އޮތީ ހުއްޓިފައެވެ.
މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމަށްވާއިރު، މި މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ކުރެވުނު އުންމީދުތައް މިހާރު ވަނީ ފަނޑުވެފައެވެ.
ޝިޕް ޓްރެކިންގް ޑޭޓާތަކުން ދައްކާ ގޮތުގައި، ވޮޝިންގޓަނާއި ތެހެރާނުން ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާންކުރި ފަހުން އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ ވަރަށް މަދު އުޅަނދެކެވެ. ކްލެޕަރ މާކެޓް އިންޓެލިޖެންސް ފާމުން ހާމަކުރި ގޮތުގައި ބުދަ ދުވަހު އެ ކަނޑުއޮޅި ހުރަސްކުރީ އެންމެ 5 އުޅަނދެވެ. އަދި ބުރާސްފަތި ދުވަހު ހުރަސްކުރީ 7 އުޅަނދެވެ. މިއީ ފެބްރުއަރީ 28 ގައި ހަމަލާތައް ފެށުމުގެ ކުރިން ދުވާލަކު ދަތުރުކުރާ 120 އާއި 140 އާ ދެމެދުގެ އުޅަނދުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ދަށަށް ދިއުމެކެވެ.
ލޯއިޑްސް ލިސްޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 600 އަށްވުރެ ގިނަ އުޅަނދު އަދިވެސް ވަނީ ގަލްފް ސަރަހައްދުގައި ތާށިވެފައެވެ. މީގެ ތެރޭގައި ތެޔޮ އުފުލާ 325 ޓޭންކަރު ހިމެނެއެވެ. ކްލެޕަރގެ އެނަލިސްޓް އަނާ ސުބަސިކް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އުޅަނދުތަކުގެ ވެރިން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ "ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގެ ފުރުސަތު ދިނުމުގައި އީރާނުން އަމަލުކުރަމުންދަނީ ވަރަށް ދަށު ދަރަޖައަކަށް" ކަމަށެވެ. މީގެ ރައްދުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އެމެރިކާއިން އެއްބަސްވުމަށް އިހުތިރާމް ނުކުރާ ކަމަށާއި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ މެދު އެމެރިކާއިން ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
މެރިޓައިމް އެނަލިސްޓް ސީ އުދޭ ބާސްކަރް ވިދާޅުވި ގޮތުގައި، އީރާނުން ކަނޑުއޮޅީގައި މައިން ވަޅުލާފައިވާ ކަމަށް ބުނެ އިންޒާރު ދީފައިވުމުން، ޝިޕިންގް ކުންފުނިތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ނުތަނަވަސްކަމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލެން ފަށާފައެވެ.
ޔޫއޭއީގެ ގައުމީ ތެޔޮ ކުންފުނި އެޑްނޮކްގެ ސީއީއޯ ސުލްތާން އަހުމަދު އަލް ޖާބިރު ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފައި ނޫން ކަމަށާއި، އެތަނުގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި ކަމަށެވެ.