ދުނިޔެ / ރިޕޯޓް
"ހަމަލާތައް ބަދަލުކުރުން ހުއްޓުނަސް މައްޗަށްދިޔަ ހަކަތައިގެ އަގުތައް ދަށްވާން މަސްތަކެއް ނަގާފާނެ"
ހޯރްމޫޒް ކަނޑު އޮޅި
އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ނާޒުކު ސުލްހައެއް އިއުލާނުކުރި ނަމަވެސް، ތެލާއި ގޭހުގެ އަގުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް މާހިރުން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މިއީ ގަލްފާއި އޮމާން ކަނޑު ގުޅުވައިދޭ ހަނި މަގެކެވެ. ދުނިޔޭގެ ތެލާއި ގޭހުގެ އެކްސްޕޯޓުގެ ގާތްގަނޑަކަށް 20 އިންސައްތަ މެދުއިރުމަތިން އޭޝިއާ އަދި ޔޫރަޕަށް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
މީގެ އިތުރުން، ގަލްފުގެ ބައެއް ގައުމުތަކުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް އީރާނުން ހަމަލާދިނުމުގެ ސަބަބުން، ހަކަތައިގެ އަގުތަކުގެ އިތުރުން، ގޭގައި ބޭނުންކުރާ ތަށިމުށި ފަދަ ތަކެއްޗާއި ސެމީކޮންޑަކްޓަރު އުފެއްދުމަށް ބޭނުންކުރާ ހީލިއަމް ފަދަ ބައި-ޕްރޮޑަކްޓްތަކުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާ އުފެއްދުމަށް ބޭނުންވާ ބައެއް މާއްދާތައް ލިބުން ދަތިވުމުގެ ސަބަބުން، ގަސް އިންދާ މޫސުމަށްވެސް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔޭގެ ކޮންސިއުމަރުންނަށް، ހާއްސަކޮށް އޭޝިއާ އާއި އެފްރިކާގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް، މި ތަކެތީގެ ދަތިކަމާއި އަގުބޮޑުވުމުގެ ތަކުލީފު ވަނީ އިންތިހާއަށް އުފުލަން ޖެހިފައެވެ. މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާއިރު، އަގުތައް އާންމު ހާލަތަކަށް ރުޖޫއަވާނީ ކިހާ އަވަހަކަށް ހެއްޔެވެ؟
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޓަފްޓްސް ޔުނިވާސިޓީގެ ފްލެޗާ ސްކޫލްގެ މެރިޓައިމް ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ ރޮކްފޯޑް ވައިޓްޒް ވިދާޅުވީ "އެ ސުވާލުގެ ޖަވާބު އެނގޭ ކަމަށް ބުނާ ކޮންމެ މީހަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް، އާންމު ހާލަތަކަށް ދާނީ ކޮން އިރަކު ކަމެއް ބުނަން އަދި މާ އަވަސް" ކަމަށެވެ.
މާހިރުން ބުނާ ގޮތުގައި، ބާޒާރުތައް ހަމައަކަށް އެޅުމުގެ ކުރިން، ކަނޑުއޮޅި މެދުވެރިކޮށް މުދާ އުފުލުމުގައި އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުވާން ޖެހެއެވެ. "މިއީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު ބުރޫއެރުން"، ވައިޓްޒް ވިދާޅުވިއެވެ.
މި ހަމަނުޖެހުމުގެ ކުރިން، ދުވާލަކު ގާތްގަނޑަކަށް 120 އާއި 140 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރެއެވެ. ނަމަވެސް ބުދަ ދުވަހު އެ ކަނޑުއޮޅި ހުރަސްކުރީ އެންމެ ފަސް އުޅަނދެވެ. އަދި ބުރާސްފަތި ދުވަހު ހުރަސްކުރީ ހަތް އުޅަނދެވެ.
އާންމު ހާލަތަށް ރުޖޫއަވުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ވިދާޅުވެ އެކަމުގެ ސަބަބެއް ކަމަށް ވައިޓްޒް ވިދާޅުވީ "އަދި އެކަން ވާނީ ކޮން އިރަކުކަން ބުނަން މި މަރުހަލާގައި މާ އުނދަގޫ، ސަބަބަކީ މީގައި ބޮޑެތި ބާރުތަކުގެ (އެމެރިކާ، ޗައިނާ އަދި ރަޝިއާ) އިތުރުން ސަރަހައްދީ ބާރުތަކުގެ (ޔޫއޭއީ، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ޕާކިސްތާން) އެއްބާރުލުން ބޭނުންވާތީ. މިއީ ކޮން އިރަކު ނިމޭނެ ކަމެއްކަން ބުނަން ދަތީ، އެކަން ހުއްޓުވުމުގެ ގާބިލުކަން ހުރި ގިނަ ފަރާތްތަކެއް ހިމެނޭތީ. މީގެ އިތުރުން، އުޅަނދުފަހަރު ދަތުރުކުރުމަށް އީރާނުން 'ޓޯލް ފީ' އެއް ނެގުމާއި އިންޝުއަރެންސް ފީތައް އިންތިހާއަށް އުފުލުމުގެ ސަބަބުން، ތެލުގެ އަގު މަތީގައި ހުންނާނެ ކަމުގެ ބިރުވެސް އެބައޮތް" ކަމަށެވެ.
ބުރާސްފަތިދުވަހު އެމެރިކާގެެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކުން އީރާނުން ފީ ނަގަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދޭ، އެމީހުން އެކަން ނުކުރުން މާ ރަނގަޅުވާނެ، އަދި އެކަން ކުރާނަމަ، މިހާރުން މިހާރަށް އެކަން ހުއްޓާލަން ޖެހޭނެ" ކަމަށެވެ.
ނަމަވެސް މާހިރުން އެއްބަސްވާ ގޮތުގައި، ކޮންމެ އުޅަނދަކުން ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު ނަގާ ކަމަށް ދެކެވޭ ވާހަކަތަކަކީ ތެލުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. "ތެލުގެ އަގު އުފުލެން މެދުވެރިވާ ސަބަބަކީ އިންޝުއަރެންސެއް ނޫން. އެއީ ޓޭންކަރުތައް އެ ސަރަހައްދުން ދަތުރުކުރުމުގައި ހުރި ހުރަސްތައް، ޓޯލްތަކަކީ އަގު އުފުލޭނެ މައިގަނޑު ސަބަބެއް ނޫން،" ވައިޓްޒް ވިދާޅުވިއެވެ.
ބުރަބޮޑުވަމުންދާކަމުގެ ނިޝާންތައް
ވިޗިޓާ ސްޓޭޓް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ބިޒްނަސްގެ ޑަބްލިއު. ފްރޭންކް ބާޓަން ޑިސްޓިންގުއިޝްޑް ޗެއަރ، އުޝާ ހޭލީ ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލިކަން އިޢުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަނޑުއޮޅި އަލުން ހުޅުވުމާއެކު "ބުރަބޮޑުވަމުންދާކަމުގެ ނިޝާންތައް" ފެންނަން ފެށުމުން ހަގީގީ ހާލަތު ހާމަވެގެންދިޔައެވެ.
މި މައްސަލަ އިތުރަށް ގޯސްވީ، އިރާގު ހިމެނޭ ގޮތަށް ބައެއް ގައުމުތަކުގެ ރައްކާކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން އުފެއްދުންތެރިކަން ހުއްޓާލާފައިވުމުން، ތެލުގެ ސަޕްލައި އިތުރަށް މަދުވުމާ ގުޅިގެންނެވެ.
"އެތަންތަން އަލުން ހުޅުވުމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގާނެ، މިއީ ދަތިތަކާ ކުރިމަތިވާނެ އަލުން ހުޅުވުމެއް. އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އަލުން ހަމައަކަށް އެޅުމަށް މަސްތަކެއް ނަގާނެ، އަދި އެހެން ހުރިހާ ކަމެއް އާދައިގެ ގޮތުގައި ހުރި ނަމަވެސް، އާންމު ހާލަތަށް ރުޖޫޢަވުމަށް ތިނެއް ނުވަތަ ހަ މަސް ދުވަސް ނަގާފާނެ. އެކަމަކު ކަންތައްތައް ހުރީ އާދައިގެ ގޮތަކަށް ނޫން. ލަސް ކުރިއެރުމެއް" ހޭލީ އިތުރަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ގޯޖީވާ ބުރާސްފަތި ދުވަހު އިންޒާރު ދެއްވި ގޮތުގައި، ދުނިޔޭގެ އިގްތިސާދަށް މިހާރު ލަފާކޮށްފައިވާ 3.3 އިންސައްތައިގެ ކުރިއެރުން އަންނަ ހަފުތާގައި އެ ފަންޑުން ދަށްކުރާނެއެވެ.
"އަލަށް ގާއިމުވި ސުލްހަ ދެމިއޮތް ނަމަވެސް، ކުރިއެރުން ހުންނާނީ ލަސްކޮށް،" ގޯޖީވާ ވިދާޅުވިއެވެ.
"ހަނގުރާމައިގެ ސަބަބުން ގިނަ އިގްތިސާދުތަކަށް އަސަރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ މައިގަނޑު ދެ އަމާޒު ކަމަށްވާ ރަޝިޔާއާއި ޗައިނާއަށް މީގެ އަސަރު މާބޮޑަކަށް ނުކުރޭ. ހަގީގަތުގައި ރަޝިޔާއަށް މީގެން ބޮޑު ފައިދާއެއް ލިބިފައިވާއިރު، ޗައިނާގެ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ ވަނީ ދީފައި،" ހޭލީ ވިދާޅުވިއެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއިން ވަނީ ރަޝިޔާއަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ރަޝިޔާގެ އާމްދަނީ މަދުކުރުމަށްޓަކައި ތެޔޮ ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން ހިމެނެއެވެ.
ހަމައެފަދައިން، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޗައިނާއަށް ޓެރިފްތައް ކަނޑައަޅައި، އެމެރިކާގެ ބައެއް ހައި-އެންޑް ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުން ހިފެހެއްޓިއެވެ. މި ފިޔަވަޅުތައް ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައިވެސް ދެމެހެއްޓިއިރު، މިދިޔަ އަހަރު ޓްރަމްޕް ވަނީ ޓެރިފްތަކުގެ ބޮޑު ސިލްސިލާއަކާއެކު މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަމަވެސް އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާއި ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، އެމެރިކާއިން ވަނީ ރަޝިޔާގެ ތެލަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދީފައެވެ. އަދި ސާފުނުކުރާ ތެލަށް ބޭނުންވެފައިވާ ގައުމުތަކުން މިހާރު ވަނީ، މީގެ ކުރިން ޕޫޓިންގެ ސަރުކާރުން ސަބްސިޑީ އަގުގައި ދެމުންދިޔަ ތެލަށްވުރެ މާ ބޮޑު އަގުތަކެއް މޮސްކޯއަށް ދައްކާފައެވެ.
"އަޅުގަނޑުމެން (އެމެރިކާ) ހަގީގަތުގައި ނިންމަންޖެހޭ ދިގު މުއްދަތުގައި ކުރަން ބޭނުންވަނީ ކޮން ކަމެއްކަމާއި، އަޅުގަނޑުމެންގެ އަމާޒަކީ ކޮބައިކަން. އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަމުގައި އެއްގޮތްވަންތަކަމެއް ހުންނަންޖެހޭނެ." ސެންޓަރ ފޯ އަ ނިއު އެމެރިކަން ސެކިއުރިޓީގެ އެޑްޖަންކްޓް ސީނިއަރ ފެލޯ ރޭޗަލް ޒިއެމްބާ ވިދާޅުވިއެވެ.
މީގެއިތުރުން މިވަގުތަށް ބަލާއިރު ގަލްފުން ފޮނުވާ ސަޕްލައިތަކަށް އޮތް ނުރައްކަލުގެ ބޮޑުކަމުން، ތެލުގެ އަގު ހުންނާނީ ހަމަލާތައް ފެށުމުގެ ކުރިން ހުރި ވަރަށްވުރެ މަތީގައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިފެހެއްޓިފައިވާ ބައެއް ތެލާއި ތެލުގެ އުފެއްދުންތައް ވަރަށް އަވަހަށް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި ސަޕްލައިއަށް ވަގުތީ ކުރިއެރުމެއް ލިބުނު ނަމަވެސް، އެއީ "ވަގުތީ އެހީތެރިކަމެއް" ކަމަށާއި، އެކަންވެސް ބިނާވެފައިވަނީ ހަނގުރާމަ ހުއްޓާލުން ދެމިއޮތުމާއި އެކަން ފުޅާ ދާއިރާއެއްގެ އެއްބަސްވުމަކަށް ބަދަލުވުމުގެ މައްޗަށް ކަމަށް ޒިއެމްބާ ވިދާޅުވިއެވެ.
މިވަގުތު އޭނާ ބަލަމުންދަނީ އިރާގުން އީރާނާއެކު ވަކި އެއްބަސްވުމެއް ގާއިމުކުރޭތޯއެވެ. އެމެރިކާއާއި އީރާނާ ދެމެދު ޒަމާނުއްސުރެ ޕްރޮކްސީ ހަނގުރާމައިގެ މައިދާނަކަށް ވެފައިވާ އިރާގަށް ދުވާލަކު މަދުވެގެން 3.5 މިލިއަން ފީފާ ތެޔޮ އުފެއްދުމުގެ ގާބިލުކަން އެބަހުއްޓެވެ. ނަމަވެސް ރައްކާކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން އެ ގައުމުން ވަނީ އުފެއްދުންތެރިކަން ހުއްޓާލާފައި ކަމަށް ޒިއެމްބާ ވިދާޅުވިއެވެ.
އެކަން އަލުން އިއާދަވެއްޖެނަމަ، ތެޔޮ ސަޕްލައިކުރުމަށާއި، ނަތީޖާއެއްގެ ގޮތުން އަގުތަކަށް ލުޔެއް ލިބިގެންދާނެއެވެ. ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމާ މެދު އޮތް ނުތަނަވަސްކަމާއި އިރާގަށް ދެމުންދާ ހަމަލާތަކުގެ ތާރީޚަށް ބަލާއިރު، އެ ގައުމުގެ ތެޔޮ އުފެއްދުމުގެ މުސްތަގުބަލު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. "މިފަދަ މާހައުލެއްގައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އިންވެސްޓްކުރަން ބޭނުންވާނީ ކާކު؟" ޒިއެމްބާ ސުވާލު އުފެއްދެވިއެވެ.