ދުނިޔެ

40 ދުވަހަށް ފަހު މަސްޖިދުލްއަޤްޞާ ހުޅުވުން: 100،000 މީހުން ހުކުރު ނަމާދުގައި ބައިވެރިވެއްޖެ

40 ދުވަހަށް ފަހު މަސްޖިދުލްއަޤްޞާ ހުޅުވުން: 100،000 މީހުން ހުކުރު ނަމާދުގައި ބައިވެރިވެއްޖެ

މަސްޖިދުލް އަޤްޞާގައި މިއަދުގެ ހުކުރު ނަމާދުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2026، 07:28

10 އޭޕްރީލު 2026، 07:28

އިސްރާއީލުން މަސްޖިދުލްއަޤްޞާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިއްޔެ އެ މިސްކިތް އަލުން ހުޅުވާލުމާ ގުޅިގެން މިއަދުގެ ހުކުރު ނަމާދުގައި 100،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ބައިވެރިވެއްޖެއެވެ.

މިއީ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މިސްކިތް ބަންދުކުރި ފަހުން، މިސްކިތުގެ ގޯތިތެރޭގައި ހުކުރު ނަމާދު ކުރެވުނު ފުރަތަމަ ފަހަރެވެ.

ޤުދުސްގެ އިސްލާމިކް ވަޤުފް އިދާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، 1948 ގައި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުންނާއި، ޤުދުސްގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ މިސްކިތަށް ޖަމާވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ ދޮރުތައް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އުފަލާއެކު މިސްކިތުގެ ގޯތިތެރެއަށް ވަދެފައެވެ.

ނަމާދުގެ ކުރިން، އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިން ވަނީ ޤުދުސްގެ މަގުތަކާއި މިސްކިތުގެ ދޮރުތައް ކައިރީގައި ވަރުގަދަ އަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. އަދި ބައެއް ސިފައިން ވަނީ މިސްކިތުގެ ހަރަމްފުޅުގެ ތެރެއަށް ވެސް ވަދެފައެވެ. މިސްކިތް ހުޅުވުމުގެ ކުރިން ވޮލަންޓިއަރުންނާއި މިސްކިތުގެ މުވައްޒަފުން ވަނީ ނަމާދަށް އަންނަ މީހުންނަށް ތަނާއި ގޯތިތެރެ ސާފުކޮށް ތައްޔާރުކޮށްފައެވެ.

އިސްރާއީލުން މިސްކިތް ބަންދުކޮށްފައި އޮތް 40 ދުވަހުގެ ތެރޭގައި، ރަމަޟާން މަހާއި ފިޠުރުޢީދުގައި ވެސް މުސްލިމުންނަށް މިސްކިތަށް ވަނުން ވަނީ މަނާކޮށްފައެވެ. މިއީ 1967 ވަނަ އަހަރުގެ ފަހުން މިސްކިތް މިހާ ދިގު މުއްދަތަކަށް ބަންދުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިންނަށް ބުރާޤު ފާރު ކައިރިއަށް ވަދެ އަޅުކަން ކުރުމުގެ ފުރުސަތު އިސްރާއީލުން ވަނީ ދީފައެވެ.

މިސްކިތް ހުޅުވާލުމާއެކު، އިސްރާއީލުގެ ވަޒަންވެރިން މިސްކިތަށް ވަދެގަންނަ ވަގުތުތައް ވެސް ވަނީ އިތުރުކޮށްފައެވެ. ކުރިން ދުވާލަކު ހަތަރު ގަޑިއިރަށް އޮތް މި ވަގުތު މިހާރު ވަނީ ހަ ގަޑިއިރާއި ބަޔަށް އިތުރުކޮށްފައެވެ. ޤުދުސް ގަވަރްނަރޭޓުން ވަނީ މިއީ "މައްސަލަ އިތުރަށް ހޫނުވެމެއް" ކަމަށް ސިފަކޮށް، މިއީ މަސްޖިދުލްއަޤްޞާގެ ހާލަތު ބަދަލުކޮށް، ވަގުތީ ގޮތުން މިސްކިތް ބަހާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ.

މިއަދުގެ ހުކުރު ނަމާދަކީ ވޭތުވެދިޔަ ފަސް ހުކުރުގައި މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު، މުސްލިމުންނަށް މިސްކިތުގައި ހުކުރު ކުރަން ލިބުނު ފުރަތަމަ ފުރުސަތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450