ޚަބަރު
އެމްޑީޕީން އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގައި އައްޑޫ މޭޔަރު ވިދާޅުވީ ކުރީ ސަރުކާރުގެ އިހުމާލު
އެމްޑީޕީން އުފާފާޅުކުރުމަށް ބޭއްވި ޖަލްސާ / ފޮޓޯ: އެމްޑީޕީ
ފަރުދުން
10 އޭޕްރީލު 2026، 07:42
10 އޭޕްރީލު 2026، 07:42
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބުކުރުމަށް މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބިފައިވުމުން އެކަމުގެ އުފާފާޅުކުރުމަށް މިދިޔަ އާދިއްތަ ދުވަހުގެރޭ މާލޭގައި ބޭއްވި ޖަލްސާގައި، އައްޑޫ ސިޓީއަށް މިދިޔަ ސަރުކާރުން ވެފައިވާ ބޮޑު އިހުމާލެއްގެ ވާހަކަ މޭޔަރު އަލީ ނިޒާރު ޙިއްސާކުރައްވައިފިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 5 އަހަރުގެ ވެރިމެއް އެމްޑީޕީން ނިންމާލިއިރު ވެސް އެ ސިޓީގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯއްދަވައި ނުދެއްވާކަމަށެވެ. އެގޮތުން މޭޔަރު ވިދާޅުވީ، މި ކަންކަމަށް ޙައްލެއް ނުލިބިގެން ސަރުކާރުތަކަށް އާދޭސްކުރާތާ 7 އަހަރުވެފައިވާކަމަށެވެ.
ކިތައް އަހަރުތޯ މި އާދޭސްކުރާތާ. ކިތައް އަހަރުތޯ. 7 އަހަރު މިވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުކުރެވިގެން އުޅޭތާ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުތަކުގައި ރައްޔިތުން އާދޭސްކުރަން ނުޖެހޭނެކަމަށާއި، ސަރުކާރުތަކުން ކޮންމެ އަހަރެއްގެ ބަޖެޓު ބިލިއަނުން ފާސްކުރަމުންދާއިރު، އައްޑޫ ސިޓީއަށް ހައްޤު މިންވަރު ހޯދައިދިނުމަށް އާދޭސްކުރަން ޖެހޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
(ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓު ބިލިއަނުން ފާސްކުރަމުންދާއިރު) ކޮބާތޯ އައްޑޫ ސިޓީ ރައްޔިތުންގެ ޚިއްޞާ؟ މި ދައުލަތަށް މި ޤައުމަށް ލިބޭ ފައިސާއަށް އަޅުގަނޑުމެން އާދޭސްކުރަން އެބަ ޖެހޭތޯ؟ އާދޭސްކޮށްގެންތޯ އެކަން ކުރަން ޖެހޭނީ؟ ރައީސް ވާންޖެހޭ ވަޢުދެއް ތޯ އެއީ؟ އަޅުގަނޑުމެނަށް ޤާނޫނު އަސާސީން ކަށަވަރުވާ ޙައްޤު، އަދި ޤާނޫނުން އަޅުގަނޑުމެންނަށް ކަށަވަރުވާ އަސާސީ ޙައްޤެއް އެއީ. މުޅި އައްޑޫގައި ނަޖިސް އަރަމުންދާއިރު ކިތައް އަހަރުތޯ އަޅުގަނޑުމެން އާދޭސް ކުރާތާ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަސަރާއެކު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއްވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް ދާއިމީ ޙައްލެއް ނުލިބި އޮތުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
މި މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
މި ސަރުކާރުން އެ ކަމަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޤާއިމުކޮށް ނިންމުމަށް ފެނަކައިން ދާދިފަހުން ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއި ހަވާލުކޮށްފައެވެ.
ފެނަކައިން ބުނީ ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ.