ޚަބަރު
ލުބްނާނުގެ ރައްޔިތުންނާއި އެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ލުބްނާނުގެ ރައްޔިތުންނާއި އެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ކިޔުއްވައި ފޮނުއްވެވި މެސެޖުގައެވެ.
ލުބްނާނުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި މެސެޖުގައި ރައީސް ޑރ މުއިއްޒު ވަނީ، ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސް ޑރ މުޢިއްޒުގެ މެސެޖުގައި، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އަދި ޤައުމުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ފާހަގަކުރައްވަމުން، އެ ޤައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
ރައީސް ޑރ މުޢިއްޒުގެ މެސެޖުގައި، ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.