ކޮލަމް
ހިއްކާފައި ހުންނަ ޕްރޫންސް: ސިއްހަތަށް ގިނަ ފައިދާތަކެއް
ޕްރޫންސް
ހިއްކާފައި ހުންނަ "ޕްރޫންސް" އަކީ އާދައިގެ މޭވާއެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މިއީ ހަށިގަނޑަށް ބޭނުންތެރި އެތައް ފައިދާތަކަކުން ފުރިގެންވާ މޭވާއެކެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ފަސޭހައިން ލިބެން ހުންނަ މި މޭވާއަކީ، ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މުހިންމު ނިއުޓްރިއަންޓްސްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ.
ޕްރޫންސްގައި ފައިބަރ، ޕޮޓޭސިއަމް، އެންޓިއޮކްސިޑެންޓްސް، ގުދުރަތީ ހަކުރު، ވިޓަމިން އޭ، ސީ، ކޭ އަދި ބީ ވިޓަމިންސްގެ އިތުރުން ކޮޕަރ، ފޮސްފަރަސް، މެގްނީޒިއަމް އަދި ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން މިއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރަން އެންމެ ރަނގަޅު އެއް "ސުޕަރ ފުޑް" ކަމުގައި ބެލެވެއެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ފައިދާ ބޮޮޑު
ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެއީ ކާނާ ފަސޭހައިން ހަޖަމުކޮށް، އޭގައިވާ ނިއުޓްރިއަންޓްސް ހަށިގަނޑަށް ދަމައިގަތުމަށާއި ބޭކާރު ތަކެތި ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭތީއެވެ. ޕްރޫންސްގައި ގިނަ އަދަދަކަށް ފައިބަރާއި، ޕްރޯބަޔޮޓިކްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ. މިއީ ބަނޑުހަރުވުމުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތަކެކެވެ. ނަމަވެސް، މާ ގިނައިން ޕްރޫންސް ކެއުމަކީ ބަނޑަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުން، މިންގަނޑެއްގެ ތެރޭގައި ކެއުން މުހިންމެވެ.
ކަށިތައް ވަރުގަދަކޮށްދިނުން
2022 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ކޮންމެ ދުވަހަކު ޕްރޫންސް ކެއުމަކީ ކަށިތައް ބަލިކަށިވުމުންނާއި ކަށީގެ މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ. މެދުއުމުރުގެ 235 އަންހެނުން ބޭނުންކޮށްގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި، އަންހެނުންނަކީ ފިރިހެނުންނަށްވުރެ ބޮޑަށް ކަށި ބަލިކަށިވުމުގެ ފުރުސަތު އޮންނަ ބަޔަކަށްވާއިރު، ޕްރޫންސް ކެއުމުން ކަށީގެ ވަރުގަދަކަން އިތުރުވެގެންދެއެވެ. މީގައިވާ ވިޓަމިންތަކާއި މިނަރަލްތަކަކީ ކަށިތަކަށް ދުޅަހެޔޮކަން ގެނެސްދޭ މާއްދާތަކެކެވެ.
ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވުން
ގަވާއިދުން ޕްރޫންސް ކެއުމަކީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލްކުރުމަށް އެހީވެދޭ މޭވާއެކެވެ. މިއީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް މީގައި އެކުލެވޭ ޕޮޓޭސިއަމްއަކީ ހިތުގެ މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވުން
ޕްރޫންސްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްތަކަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިއީ ހަށިގަނޑުގައި އުފެދޭ "ފްރީ ރެޑިކަލްސް" އާ ހަނގުރާމަކޮށް، މުސްކުޅިވުން އަވަސްވުމާއި، ކެންސަރު އަދި އަލްޒައިމަރ ފަދަ ބަލިތަކުން ދުރުކޮށްދޭ މާއްދާތަކެކެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުން
ޕްރޫންސް ކެއުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިޔަނުދީ ހިފަހައްޓައިދޭ ކަމެކެވެ. މިއީ ހަށިގަނޑުގައި "އެޑިޕޮނެކްޓިން" ކިޔާ ހޯރމޯނެއް އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. މި ހޯރމޯނަކީ ލޭގެ ހަކުރު ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި އޭގައިވާ ފައިބަރުގެ ސަބަބުން ކާނާ ހަޖަމުކުރުން ލަސްކޮށްދީ، ލޭގައި ހަކުރު އިތުރުވުން ކޮންޓްރޯލްކޮށްދެއެވެ.
ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ދިގު މުއްދަތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. ޕްރޫންސްގައި ކެލޮަރީ މަދުވެފައި ފައިބަރު ގިނަވުމުގެ ސަބަބުން، މިއީ ކެއުމުން ބަނޑު ފުރިފައި ހުންނަ އިހުސާސް ގިނައިރު ވަންދެން ދަމަހައްޓައިދޭ މޭވާއެކެވެ. އެކަށީގެންވާ ކަސްރަތާއި، ނިދި އަދި ސިއްހަތަށް ފައިދާހުރި ކާނާއާއެކު ޕްރޫންސް ބޭނުންކުރުމަކީ ބަރުދަން ހަމަހަމަކޮށް ބެހެއްޓުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.