Ads by Farudhun

ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރުގައި ހޮވާނީ ކައުންސިލްގެ 2 ގޮނޑި އާއި ޑަބްލިޔުޑީސީގެ 3 ގޮނޑި

އިންތިޚާބުގެ ދެވަނަ ބުރުގައި ހޮވާނީ ކައުންސިލްގެ 2 ގޮނޑި އާއި ޑަބްލިޔުޑީސީގެ 3 ގޮނޑި

އޭޕްރީލް 10، 2021: ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބުގެ ވޯޓު ގުނަނީ / ސަން ފޮޓޯ

farudhun logo

ފަރުދުން

12 އޭޕްރީލު 2026، 10:20

12 އޭޕްރީލު 2026، 10:20

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބައެއް ދާއިރާތަކުން އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ ބާއްވާ ދެވަނަ ބުރުގައި ހޮވާނީ ކައުންސިލްގެ ދެ ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ގޮނޑިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ބާއްވަން ޖެހޭ އިންތިޚާބުގެ ދެވަނަ ބުރެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. 

އެގޮތުން ދޮންފަނު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑިއަށް ވާދަކުރާނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓު ޢާއިޝަތު މުނާ އާއި އެމްޑީޕީގެ ކެނޑިޑޭޓު އާމިނަތު ރަފާހުއެވެ.

އަދި މުވައްމުލަކު ސިޓީގެ ދަނޑިމަގު ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓު ޢާއިޝަތު ޢަބްދުލްޤާދިރު އާއި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް ޝީޒާ އިބްރާހީމްއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިކާބުގެ ދެވަނަ ބުރު އޮންނާނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ޙައްވާ ފަޒުނާއެވެ.

އަދި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ފާޠިމަތު ރިއުޒާ އާއި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް ފާޠިމަތު ނިޝާދާއެވެ. 

ދެން އޮންނާނީ ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ދެވަނަ ބުރެވެ. އެ ބުރުގައި ވާދަކުރާނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ފާޠިމަތު ޝާފިޔާ އާއި އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް މާޢިޝާއެވެ.

މި މަހުގެ 4ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލި އިންތިޚާބެވެ. އެގޮތުން 215,346 މީހުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450