ކުޅިވަރު
ޝައުތު އޭޝިއާގެ ޔޫތު ޓީޓީ މުބާރާތުގައި މިކްސް ޑަބަލްސްއިން ރާއްޖެ ދެ ރިހި މެޑަލް ހޯދައިފި
ރިހި މެޑަލް ހޯދި 15 އަހަރުން ދަށުން ޓީމް / ފޮޓޯ: ޓީޓީއޭއެމް
ފަރުދުން
12 އޭޕްރީލު 2026، 10:43
12 އޭޕްރީލު 2026، 10:43
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގައި މިކްސް ޑަބަލްސް އިވެންޓުން ރާއްޖެ ދެ ރިހި މެޑަލް ހޯދައިފިއެވެ. އެއީ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ.
އިންޑިއާގެ ޝިމްލާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން 15 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ ޢާއިޝަތު އަލްސާ ނާފިޒާއި، މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި ދެކުޅުންތެރިން ފައިނަލްގައި ވާދަކުރީ އިންޑިއާގެ އަދިއްތިޔާ ދާސް އާއި އަންކޮލިކާ ޗަކްރަބަތީގެ ޕެއާއާ ދެކޮޅަށެވެ. މި ޕެއާ ފައިނަލުން ޖާގަ ހޯދީ 3-1އިން ސްރީ ލަންކާ ބަލިކޮށްގެންނެވެ.
ފައިނަލް މެޗު އިންޑިއާގެ ޕެއާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ 11-05، 11-04 އަދި 11-09 ޕޮއިންޓުން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.
19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ހޯދީ ފާތިމަތު ދީމާ ޢަލީއާއި މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި އިވެންޓުގެ ފައިނަލްގައި ދީމާ އާއި ޙަލަފްގެ ޕެއާ ނިކުތީ އިންޑިއާގެ ޕްރިޔަނޫޖް ބަޓަޗަރިއްޔާ އާއި ޖެނިފަރ ވަރްގެސޭގެ ޕެއާއާ ދެކޮޅަށެވެ.
ފައިނަލް މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 12-10، 11-02 އަދި 11-05 ންނެވެ.
މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުންވެސް ރާއްޖެއިން ވަނީ ރިހި މެޑަލް ހޯދާފައެވެ.