ޚަބަރު
ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ލިބުނު ގެއްލުންތައް/ފޮޓޯ: ވުޒާރާ
ފ. ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން ގުޅިގެން ފަށައިފި އެވެ.
ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ބަނދަރުގައި އޮތް އެހެން އުޅަނދުތަކަށް ހުޅުގަނޑު ފެތުރި، އަލިފާނުގެ ޙާދިސާއެއް ހިނގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ޙާދިސާގައި އަލިފާންގަނޑު ފެތުރި، އެރަށުގައި ހުންނަ އައިސްޕްލާންޓްގައި ރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކަށް ވެސް ވަނީ ގެއްލުންވެފައެވެ.

މި ޙާދިސާއާއި ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ވުޒާރާގެ ވަފުދެއް އެރަށުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން، މި އަލިފާނުގެ ޙާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގެ ޔަޤީންކަން އެ ވުޒާރާއިން ދެއްވިއެވެ.
ފީއަލީގައި ހުންނަ 25 މެޓްރިކްސްޓަނުގެ އައިސްޕްލާންޓަކީ، 1 ސެޕްޓެމްބަރު 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް، ޚިދުމަތް ދެމުން އަންނަ އައިސްޕްލާންޓެއްކަން ފާހަގަކޮށްލެވެއެވެ.